އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން ، އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް ކްލަބް ރާވެރިޔާގެ އައިޝަތު ޝައިމް އަޒީޒް ހޯދައިފި އެވެ.
ނަސީރު ސްޕޯޓްސް އެކެޑަމީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްރީ ލަންކާގައި ޓްރެއިނިން ފުރިހަމަކުރަމުން އަންނަ ސިފައިންގެ ކްލަބްގެ ފަޒީލްވަނީ މިދިޔަ އަހަރު އެންމެ ފަހުން ބޭއްވި މުބާރާތް ކަމަށްވާ ގައުމީ ގްރޯން ޕްރީގެ ވެސް އެއް ވަނަ އެތުލީޓުގެ މަޤާމު ހޯދާފައެވެ.
މި ފަހަރު އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ފަޒީލް ހޯދީ 800، 1500 އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ. އެގޮތުން، 5000 މީޓަރު ދުވުމުން ފަޒީލް އެއް ވަނަ ހޯދީ 16.01.27 މިނިޓުން ރޭސް ނިންމައި، މީޓް ރެކޯޑަކާއެކު އެވެ. އޭނާއާ ވާދަކުރި އައިލެންޑް ރަނާސްގެ ޔޫސުފް އިބްރާހިމް އިވެންޓް ނިންމީ 16:14.22 މިނިޓުންނެވެ.
އެއް ވަނަ އަންހެން އެތުލީޓުގެ މަގާމު ހޯދި ޝައިމް ވަނީ ހައި ޖަމްޕާއި ލޯންގް ޖަމްޕް އަދި ޖެވެލިން އުކުމުން ރަން މެޑަލް ހޯދައިފަ އެވެ. ލޯންގް ޖަމްޕްގައި ޝައިމް އެއް ވަނަ ހޯދީ 4.95 މީޓަރު ދުރަށް ފުންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނޫރާ އަބްދުލް ހަމީދު 4.66 މީޓަރު ދުރަށް ފުންމި އެެވެ.
އެންމެ މޮޅު ކްލަބަކަށް ހޮވުނީ ފިރިހެނުންގެ ބައިން ސިފައިންނާއި އަންހެނުންގެ ބައިން ރާވެރިޔާ އެވެ. ފަނަރަ އަހަރުން ދަށަށް ބަލާއިރު ފިރިހެނުންގެ ބައިން އެއް ވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލް އަދި އަންހެނުންގެ ބައިން ޝަރީފް ސްޕޯޓްސް އެވެ. ފަނަރަ އަހަރުން ދަށުގެ ބަޔަށް ބަލާއިރު، ފިރިހެން ކުދިންގެ ތެރެއިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ކްލަބް ރާވެރިޔާގެ ސުހައިލް އަބްދުލް ސަމަދު އެވެ. އޭނާ ވަނީ 800 އާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.
މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ހާފިޒް އަހުމަދު ސްކޫލްގެ އައިޝަތު ސާހީ ޝާހިދު އެވެ. އޭނާ ވަނީ ޖެވަލިން އުކުމާއި ހައި ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ.