އިންޑިއާގެ ޓްރެވިންޑްރަމުގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ މުބާރާތުގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑެލް ހޯދައިފިއެވެ.
ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 10.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށްދިޔަ އިންޑިއާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.
މި މުބާރާތުގެ 200 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 21.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. 200 މީޓަރު ދުވުމުގެ އިވެންޓުގައި އެއްވަނަ ކަނޑައެޅީ ދެ ހީޓަށް ބަލައި އެންމެ ރަނގަޅު ތިން އެތުލީޓުން ހޮވައިގެންނެވެ. ސާއިދު އެއްވަނަ އަށް ދިޔައީ ދެ ހީޓަށް ބަލާއިރުވެސް އޭނާގެ ޓައިމިން ރަނގަޅުވުމުންނެވެ.
އިންޑިއަން ގްރޯން ޕްރީ މުބާރާތުގައި ސާއިދުގެ އިތުރުން ބެންގަލޫރުގައި ޓްރެއިނިންގ ފުރިހަމަ ކުރަމުން އަންނަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިދިޔަ ދެ އަހަރުވެސް އެންމެ މޮޅު އެތުލެޓިކްސް އެތުލީޓަކަށް ހޮވުނީ ސާއިދުއެވެ. ސާއިދަކީ އިންޑިވިޖުއަލީ ބަލާއިރު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުވެސްމެއެވެ.
ދެ އޮލިމްޕިކްސްއެއްގައި ވާދަކުރުމުގެ ޝަރަފް ލިބިފައިވާ މަދު ދިވެހި އެތުލީޓުންގެ ތެރޭގައި ސާއިދު ހިމެނެ އެވެ. ސާއިދު އެންމެ ފުރަތަމަ، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކުރިއިރު، ޕްރިލިމިނަރީ ހީޓުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދިއެވެ.