ކުޅިވަރު

ފުރަތަމަ ލެގުގައި ލިޔޯން އަތުން ޗެލްސީއަށް މޮޅެއް


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިއޯން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

ލިއޯންގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެންމެފަހުގެ ޗެމްޕިއަން ލިއޯންއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ގޫރޯ ރެއިޓެންއެވެ. މި ލަނޑު ޗެލްސީއިން ކާމިޔާބުކުރި ނަމަވެސް މިމެޗްގެ ފުރަތަމަ ހާފް ކޮންޓްރޯލް ކުރީ އަށް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ ލިއޯންއެވެ. އަދި ލިއޯންއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ. މިމެޗްގައި ޗެލްސީގެ ލޯރެން ޖޭމްސް އާއި ލިއޯންގެ ޑެލްފީން ކަސްކަރީނާ ފޮނުވާލި ދެ ހަމަލާއެއް ވަނީ ދެޓީމްގެ ގޯލް ދަނޑިއަށްއަމާޒުވެފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ލިއޯންއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރުމުގެ ސަބަބުން މިމެޗް އިތުރަށް ހުޅުވިގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް ލިއޯންއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީއަށް މިވަނީ އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނިކުންނައިރު ކުޑަ އެޑްވާންޓޭޖެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެންމެ ލަނޑެއްގެ ތަފާތު އޮތުމާއި އިދިކޮޅުން ކުޅެނީ ލިއޯން ކަމުން ޗެލްސީއަށް މާބޮޑަށް ހަމަޖެހިލެވެން ނޯންނާނެކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. ލިއޯންއިން ވަނި އެންމެފަހުން ކުޅުނު 13 ފަހަރުގެ ތެރެއިން 12 ފަހަރު ކްއާޓަރ ފައިނަލް ފަހަނައަޅާ ސެމީފައިނަލަށް ދަތުރު ކޮށްފައެވެ. ނަމަވެސް މިމެޗްގައި ޗެލްސީއިން ދެއްކި ކުޅުމަށް ބަލާއިރު ލިއޯންގެ މައްޗަށް މިފަހަރުގެ ކްއާޓަރ ފައިނަލްގައި ޗެލްސީއަށް ކުރި ނުހޯދޭންވީ ސަބަބެއް ނެތެވެ.