ކުޅިވަރު

ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ވުލްފްސްބާގަށް މޮޅެއް


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ވުލްފްސްބާގް މޮޅުވެއްޖެއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗް ވުލްފްސްބަރގް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކޮށެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިކަން ފާހަގަ ވެގެންދިޔައެވެ. މިމެޗްގައި ވުލްފްސްބަރގްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑޮމިނީކް ޔެންސެންއެވެ. މިޕެނަލްޓީ ދީފައިވަނީ ވިއޭއާރުން ބެލުމަށްފަހު ޕީއެސްޖީގެ ގޯލަށް ވައްނަން ދިޔަ ބޯޅައެއް އެޓީމްގެ އެލީސާ ޑި އަލްމެއިޑާ އަތުގައި ޖެހިފައިވާ ބޭރަށް ދިއުމާއި ގުޅިގެންނެވެ. މިހާދިސާ އާއި ގުޅިގެން އޭނާއަށްވަނީ ދެވަނަ ރީނޑޫ ކާޑާއެކު ރަތްކާޑުވެސް ދައްކާފައެވެ. މިލަނޑު ޖެހުމުގެ 10 މިނެޓް ކުރިން މެޗްގެ ރެފްރީވަނީ ޕީއެސްޖީއަށްވެސް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވިއޭއާރުގެ ލަފާގެ މަތިން ޕިޗްސައިޑް މޮނީޓަރުން ބެލުމަށްފަހު ރެފްރީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށްފައެވެ.

މިކާމިޔާބީއާއެކު މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ވުލްފްސްބަރގްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު މިވަނި އެޑްވާންޓޭޖެއް ލިބިގެން ގޮސްފައެވެ. އަދި މިފަހަރުގެ މުބާރާތުގައި ބަލިނުވާ ވުލްފްސްބަރގަށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑުކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ.