ޚަބަރު

"އަމާން އުދަރެސް" ހައުސިންގ ޔުނިޓްތައް ރޯދަމަހު ބަލާލެވޭނީ ބުކިން ހައްދައިގެން


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓް ރޯދަ މަހު ބެލުމަށް ބުކިން ހައްދަން ޖެހޭ ގޮތަށް ހަދައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިހައުސިން ޔުނިޓްތަކަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހައުސިން ޔުނިޓުތަކެކެވެ.

މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމޭއިރު ހުންނާނެގޮތް އާއްމުން ދެއްކުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ދެ ޔުނިޓެއް ތައްޔާރުކޮށްފައެވެ. މި ދެ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭއެމްސީން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ. "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ.

ފަހިދިރިއުޅުން ކޯޕޕަރޭޝަނުން ވަނީ ފްލެޓުތައް ބަލާލަން ރޯދަ މަހު ޒިޔާރަތް ކުރެވޭ ގަޑިތައް ކުޑަކޮށްފައެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ފްލެޓުތައް ބަލާލެވޭނީ ހެނދުނު 9:00 އިން މެންދުރު 11:00 އަށެވެ.

"އަމާން އުދަރެސް" ގެ މި ފްލެޓުތަކުގެ މޮކް އެޕާޓްމަންޓު ބަލާލުމުގެ ފުރުސަތު އެފްޑީސީން އެކޯޕަރޭޝަނުން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް ރޯދަ މަހު ފްލެޓު ދައްކާ ވަގުތު ކުޑަކުރުމުގެ ސަބަބުން ބުކިން ހައްދާގޮތަށް ވަނީ ބަދަލުކޮށްފައެވެ. ބުކިން ހައްދާއިރު އެއްފަހަރާ ބުކިންގ ހެއްދޭނީ ހަތަރު މީހުންގެ ގްރޫޕަކަށެވެ. އަދި ފްލެޓު ބަލަން ޒިޔާރަތް ކުރާއިރު 12 އަހަރުން ދަށުގެ ކުޑަކުދިން ގެންދިއުން މަނާވާނެއެވެ. އެއީ އެތަނަކީ އަދިވެސް އިމާރާތް ކުރަމުންދާ ތަނަކަށްވާތީ ރައްކާތެރިކަމުގެ ގޮތުން ނިންމާފައިވާ ނިންމުމުކެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި އެ 13 ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަކީ އަމާޒެއްކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. އެހެންނަމަވެސް މުޅި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.

މި4000 ހައުސިން ޔުނިޓްގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13ހާސް ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7 ހާސް ރުފިޔާއެވެ.