1 މަސްދުވަހުގެ ތެރޭގައި ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލުމަށް ނިންމާ ދަފްތަރު ބެލެހެއްޓުމުގެ އުސޫލެއް ކަނޑައަޅައި މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފިއެވެ. މިއުސޫލަށް މިހާރުވަނީ އަމަލުކުރަން ފަށާފައެވެ.
ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލަން ޖެހެނީ ގަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ވަކި ކުރެވޭ ގޮތަށެވެ. އައު އުސޫލާއެކު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ މީޑިއާއެއްގެ ދަފްތަރު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
އުޞޫލްގައި ވާގޮތުން ހިންގަމުންދާ މީޑިއާއެއް ކަމަށް އައު ދަފްތަރުގައި ބަލާނީ، ނޫސް މަޖައްލާ އާއި މިނޫންވެސް އެފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގެ ދަށުން މީޑިއާއެއް ރަޖިސްޓްރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިއާތަކެވެ.
އަދި، މީޑިއާއަކީ ހިންގަމުން ނުދާ މީޑިއާއެއް ކަމަށް ބަލާނީ ގަވާއިދުގެ ދަށުން ނޫސް މަޖައްލާ އާއި އެ ނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން އެ މީޑިއާއެއް ރަޖިސްޓްރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިއާތައް ކަމަށް އުޞޫލްގައިވެއެވެ.
މީޑިއާ ކައުންސިލުން ބުނީ އެއުސޫލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން މީލާދީ އެއް މަސް ދުވަހުގެ ތެރޭގައި މީޑިއާގެ ދަފުތަރު އެކުލަވާލަން ވާނެ ކަމަށެވެ. އަދި، އެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަނީ މީޑިއާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ. ދަފުތަރު އެކުލަވާލުމަށްފަހު ދަފްތަރު ބަލަހައްޓާނީ މީޑިއާ ކައުންސިލުގެ ސެކްރެޓޭރިއެޓުންނެވެ. އަދި، ކޮންމެ ތިން މަހުން އެއް ފަހަރު ދަފްތަރުގެ އަދާހަމަކުރަން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިހާތަނަށް ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން ދިވެހި މީޑިއާތައް ދަފްތަރުކޮށް ބަލަހައްޓާފައި ނުވެއެވެ. އެކަމާ ގުޅިގެން މީޑިއާތަކާ ގުޅޭ މައްސަލަތައް ކުރިއަށްގެންދިޔުމުގައި ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މީޑިއާ ކައުންސިލުން ހާމަކޮށްފައިވެއެވެ.