ރާއްޖޭގެ އާބާދީ 5 ލައްކައަށްވުރެ އިތުރުކަމަށާއި ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
8 އަހަރަށް ފަހު ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ބައެއް ވަގުތީ ނަތީޖާތައް މިއަދު ވަނީ ހާމަކުރައްވާފައެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ހާމަކުރައްވާފައިވާ ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515122 އެވެ. މީގެތެރެއިން ދިވެހިންގެ އަދަދަކީ 382751އެވެ. އަދި ބިދޭސީންގެ އަދަދަކީ 132371 ނުވަތަ އާބާދީގެ 26 އިންސައްތައެވެ. އެހެންކަމުން އެވްރެޖްކޮށް ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގައި އުޅެނީ އާބާދީގެ %41 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅެނީ %46 މީހުންނެވެ. ރިސޯޓްތަކުގައި އުޅޭ އާބަދީއަކީ ޖުމްލަ އާބާދީގެ %10އެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި އާބާދީގެ %3 މީހުން ދިރިއުޅެމުން އާދެއެވެ.
Provisional Results of Maldives Population and Housing Census 2022 is released today. Read more on https://t.co/KemTDqtuiy pic.twitter.com/UgDsehSDjU
— Census 2022 Maldives (@census2022mv) March 30, 2023
މާލެ ސިޓީގެ އާބާދީއަށް ބަލާއިރު ރާއްޖޭގެ ޖުމްލަ އާބާދީގެ 41 އިންސައްތަ ނުވަތަ 212138 މީހުން ދިރިއުޅެނީ މާލޭގައެވެ. ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ސިޓީގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 5 އިންސައްތަ ނުވަތަ 25053 މީހުން ދިރިއުޅެއެވެ. 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ ހދ.އަތޮޅުގައެެވެ. ހދ،.އަތޮޅުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 4 އިންސައްތަ ނުވަތަ 22534 މީހުން ދިރިއުޅެމުން އާދެއެވެ.
ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 14 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް ވަނީ %26އަށް ދަށްވެފައެވެ. އަދި 2014 އިން 2022 ވަނަ އަހަރާ ދެމެދު އުމުރުން 15 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ އަދަދު ވަނީ %69 އިތުރުވެފައެވެ. މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީ ހުރީ 2014 ވަނަ އަހަރުވެސް ހުރި 5 އިންސައްތައިގައެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވީ ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މަޢުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީޚުތައް އާއްމުކޮށް އަންގަމުން ގެންދާނެކަމަށްވެސް އެ ބިއުރޯއިން ވދާޅުވެއެވެ
އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް ވަނީ އެއްކޮށްފައެވެ.