ޚަބަރު

ދިވެހި ޢުމްރާވެރިން ސަޢުދީގެ އުޞޫލްތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި


މިއަހަރު ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ދާ ދިވެހިން ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅާފައިވާ އުޞޫލްތަކާއެއްގޮތަށް ޢަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

ރަމަޟާންމަހަކީ ޢުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ބަޔަކު ދާ ދުވަސްވަރެއްކަމުން ސަޢުދީ ސަރުކާރުން ވަނީ ރަމަޟާންމަހު އުމްރާވެރިންނަށް އުމްރާ ތަކުރާރުކުރުމުގެ ހުއްދައެއް ނުދޭން ނިންމާފައެވެ. ޢުމްރާކުރުމުގެ ހައްގު ލިބެނީ އެންމެ ފަހަރަކުކަމަށް ސައުދީ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އުމްރާގެ އަޅުކަމުގެ އުޅޭއިރު ފޮޓޯ ނެގުންފަދަ، އަޅުކަމާ ނުގުޅޭ ޢަމަލުތައް ނުކުރުމަށް ސަޢުދީން ވަނީ އިލްތިމާސްކޮށްފައެވެ.

ޢުމްރާއަށްދާ ދިވެހިން ސަޢުދީން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް ނެރުނު ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ވަނީ ޢުމްރާގެ އަޅުކަން އަދާކުރާ އެންމެހައި ޢުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން "ތަވައްކަލްނާ" އަދި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، އުމްރާ ދޮރާށިކޮޅާއި، ޢަބްދުލް ޢަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި، އައްސަލާމް ދޮރާށިކޮޅާއި އަދި މަރުވާ ދޮރާށިކޮޅު، އެންމެހައި ޢުމްރާކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރަށް ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުން ޙަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫޢުގެ ތެރެއިން އަލަށް ޢިމާރާތް ކުރެވިފައިވާ ތިންވަނަ ފަންގިފިލާއާއި، ޙަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ޚާއްސަ ސަރަޙައްދުތަކާއި، ޖަބަލުލް ކަޢުބާއާއި، އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަންވެސް ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑު ގައި ހަމަޖެހިފައިވާ ކަމާއި، ޢުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަމަށް ފަރުވާތެރިވެ އެކަންކަމާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީފައެވެ.

އެހެންކަމުން ގެފުޅަށް ޒިޔާރަތްކުރާ އެންމެހައި ޢުމްރާވެރިންނަށް ޢުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން މިއަހަރުގެ ރަމަޞާންމަހުވެސް ޢުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ.