ޚަބަރު

ގުރައިދޫ ދާއިރާ: ޕީޕީއެމުން ގޮނޑި ދިފާއުކުރުމަށް، އެމްޑީޕީން ނިކުތީ މާޒީ ބަދަލުކޮށްލުމަށް


މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން ކެމްޕެއިން ފޯރީގައި ދަނީ ކުރަމުންނެވެ. މިގޮނޑި ކާމިޔާބު ކުރުމަށް އެ ދާއިރާއަށް ވާދަކުރާ ޕާޓީތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. ޕީޕީއެމުން ކުރިމަތިލީ، އަވަހާރަވި މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި އިބްރާޙިމް ޝާޒްއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓް ދީފައިވަނީ އަލީ ޢާރިފަށެވެ.

އިންތިޚާބުގައި ވާދަކުރާ އެމްޑީޕީއާއި، ޕީޕީއެމްގެ ދަނީ ގުރައިދޫގައި ގޭގެއަށް ޒިޔާރަތްކޮށް ކެމްޕެއިން އެކި ހަރަކާތްތައް ހިންގަމުންނެވެ. މިއިންތިޚާބުގައި ވާދަވެރިވާނެކަމަށް ބެލެވެނީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ދެމެދުކަމަށް ބެލެވެއެވެ.

ފާއިތުވެދިޔަ 15 އަހަރު ގުރައިދޫ ދާއިރާ ތަމްސީލް ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް ފިކުރުގެ މެމްބަރަކެވެ. މިއާއިއެކު ގުރައިދޫ ދާއިރާއަކީ ޕީޕީއެމްއަށް ތާއީދު ބޮޑު ދާއިރާއެއްކަމަށް އެޕާޓީން ދެކެއެވެ. ނަމަވެސް މިކަން ބަދަލު ކުރުމަކީ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ އެންމެބޮޑު އެއް އަމާޒެވެ. ގުރައިދޫ ދާއިރާގެ ކެމްޕެއިންގައި އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާއަކީ އެމްޑީޕީގެ ސިޔާސަތު އެންމެ ބޮޑަށް އޮތް އަދި ތަންފީޒު ކުރެވެމުންދާ އެއް ދާއިރާކަމަށެވެ.

އެމްޑީޕީން ތަޢާރަފްކުރި ލޯކަލް ޓުވަރިޒަމާއިއެކު ގުރައިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ފަސޭހަ މަގެއް ތަނަވަސް ވެފައިވާއިރު، ސަރުކާރުން އަމާޒުހިފާފައިވާ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެމްޑީޕީގެ މެމްބަރެއް އެދާއިރާ ތަމްސީލް ކުރުމަކީ މުހިންމު ކަމެއްކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބަށް 12 ދުވަހަށް ވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ ކެމްޕެއިންގެ ފޯރި އިތުރަށް ގަދަވެގެންދާނެ ދުވަސްތަކެއްކަމަށް ބެލެއެވެއެވެ. އިންތިޚާބު އަމާންކަމާއިއެކު ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. ގުރައިދޫ ދާއިރާގެ އިންތިޚާބު އޮންނާނީ މިމަހުގެ 15ގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފައިވަނީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓެއްގެ ހައްގު ނުގެއްލޭނެހެން ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ. އަދި އިންތިޚާބު އަމާންކަމާއިއެކު ގެންދިއުމަށް ގުރައިދޫ ދާއިރާގެ ތިންރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ މުހިންމު ކަމެއްކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހުއެވެ.