ދުނިޔޭގެ ވިޔަފާރި

މެކްޑޮނަލްޑްސްގެ އެމެރިކާގެ އޮފިސްތައް ބަންދުކުރަނީ


ފާސްޓް ފުޑް ޗެއިން މެކްނޮޑަލްޑްސްގެ އެމެރިކާގެ އޮފިސްތައް ވަގުތީ ގޮތުން މި ހަފްތާގައި ބަންދުކުރަން ނިންމައިފިއެވެ.

އޮފީސްތައް ބަންދުކުރަން ނިންމާފައި ވަނީ އެ ކުންފުނީގެ ކޯޕަރޭޓް ވަޒީފާތައް މަދުކުރާނެކަން އިއުލާނުކުރާނެކަމަށް ބެލެވިފައިވަނިކޮށެވެ.

މުވައްޒަފުން މަދުކުރުމާއިމެދު އެންމެ ފުރަތަމަ ރިޕޯޓްކުރި ވޯލް ސްޓްރީޓް ޖާނަލްއިން ބުނިގޮތުގައި މެކްޑޮނަލްޑްސްއިން އެމެރިކާއާއި ބައިނަލްއަގްވާމީ ބައެއް މުވައްޒަފުންނަށް އަންގާފައި ވަނީ ވަޒީފާތަކާއި ބެހޭގޮތުން ނިންމުންތައް ވާޗުއަލްކޮށް ނިންމޭނެގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ.

ވަޒީފާތައް މަދުކުރަން ނިންމާފައި ވަނީ ކުންފުންޏަށް ގެންނަ ބަދަލަކާއި ގުޅިގެން ކަމަށް މެކްޑޮނަލްޑްސްއިން ޖެނުއަރީމަހު ވަނީ ބުނެފައެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި އޭޕްރީލް 3 ވަނަ ހަފްތާގެ ތެރޭގައި މުޅި އޯގަނައިޒޭޝަންގައި މުވައްޒަފުންގެ ފެންވަރާއި ގުޅޭ މުހިންމު ނިންމުންތައް ނިންމާނެ ކަމަށް މެކްޑޮނަލްޑްސް އިން ބުނެފައިވާ ކަމަށެވެ.

ޖެނުއަރީމަހު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި މެކްޑޮނަލްޑްސް އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތީ އުނދަގޫ މަޝްވަރާތަކާއި ނިންމުންތަކެކެވެ. މެކްޑޮނަލްޑްސްއިން ކޯޕަރޭޓް ރޯލްތަކާއި އެ ކުންފުނީގެ ރެސްޓޯރެންޓްތަކުގައި ގާތްގަނޑަކަށް 200،000 މުވައްޒަފުން ވަޒީފާ އަދާކުރާއިރު، އޭގެ ތެރެއިން %75 މުވައްޒަފުންނަކީ އެމެރިކާއިން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ޝިކާގޯގައި ހުންނަ ކުންފުނީގެ ހިދުމަތް ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުގައިދެއެވެ. މެކްޑޮނަލްޑްސްގެ ވިޔަފާރި މިދިޔަ އަހަރު %10.9 އަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ޖެނުއަރީމަހު ރިޕޯޓްކޮށްފައިވާއިރު، އެމެރިކާގެ ވިޔަފާރި ވަނީ %5.9 އަށް އިތުރުވެފައިވެއެވެ. ނަމަވެސް ޑޮލަރުގެ އަގު ދަށްވުމުން އެމެރިކާ އިން ބޭރުގައި ކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް މެކެޑޮނަލްޑްސްއިން ބުނެއެވެ.