އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަންވިލާ އާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗް ވިލާއިން ކާމިޔާބުކޮށްފިއެވެ.
ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް ވިލާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ވިލާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރިމިއަރ ލީގުގައި 100 ވަނަ މެޗް ކުޅެމުންދިޔަ އޮލީ ވޮޓްކިންސްއެވެ. މިއީ އޭނާ އެންމެފަހުން ކުޅުނު 10 މެޗްގައި ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.
ނަމަވެސް މި ލަނޑު ޖެހިތާ 9 މިނެޓްފަހުން ލެސްޓަރއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާވީ ބާރންސްއެވެ. ބްރެންޑަން ރޮޖަރސް މަގާމުން ވަކިކޮށްފައިވުމުގެ ސަބަބުން ދާއިމީ ކޯޗެއް ނެތި ކުޅެމުންދިޔަ ލެސްޓަރއަށް މިމެޗްގައި އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗްގެ 70 ވަނަ މިނެޓްގައި އެޓީމްގެ ކިއަރނަން ޑޫސްބެރީ ހޯލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
މި ކާޑާއެކު މެޗްގެ ބާކީ އޮތް 20 މިނެޓް ލެސްޓަރއިން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މިމެޗުން ވިލާ މޮޅުވި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ބަރޓްރަންޑް ޓްރައޮރޭއެވެ.
މި ކާމިޔާބީއާއެކު އެސްޓަންވިލާ މިހާރުވަނީ ކުލުނު 29 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެސްޓަރ އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.