ކުޅިވަރު

ބިލްބާއޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އޮސަސޫނާއަށް


ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލްގެ ފުރަތަމަ ޖާގަ އޮސަސޫނާއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލްގެ ޖާގައެއް އޮސަސޫނާ ކަށަވަރުކޮށްފައިމިވަނީ އެތުލެޓިކް ބިލްބާއޮ އާއި ބައްދަލުކުރި ސެމީފައިނަލް ކާމިޔާބުކޮށްގެންނެވެ.

ބިލްބާއޮ އާއި ބައްދަލުކުރި ސެމީފައިނަލް އޮސަސޫނާއިން ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އޮސަސޫނާއިން އަމިއްލަ ދަނޑުގައި އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު ސުންލަނޑުން ކުރީގައި އަޮތީ ބިލްބާއޮއެެވެ.

އެހެންކަމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތު ކުޅެގެންނެވެ. ރޭ ކުޅުނު ދެވަނަ ލެގްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޮއެވެ. މިގޮތުން ބިލްބާއޮ އިން ވަނީ އޮސަސޫނާގެ ގޯލަށް ގިނަ ހަމަލާ ތަކެއް އަމާޒުކޮށްފައެވެ. މިގޮތުން މެޗްގެ 33 ވަނަ މިނެޓްގައި ބިލްބާއޮއިން ވަނީ ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާ އެއްލަނޑު އެއްލަނޑުން އެއްވަރު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނާކީ ވިލިއަމްސްއެވެ.

މި ނަތީޖާގައި އޮވެ މެޗްގެ 90 މިނެޓްގެ ކުޅުން ނިމުމާއެކު މެޗްގެ ނަތީޖާ ނެރުމަށް ޖެހުނީ 30 މިނެޓްގެ އިތުރުވަގުތު ކުޅޭށެވެ. މިގޮތުން މެޗުން މޮޅުވެ އޮސަސޫނާ ފައިނަލަށް ގެންގޮސްދިން ލަނޑު އިތުރުވަގުތުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ޕަބްލޯ އިބަނޭޒްއެވެ.

މި ކާމިޔާބީއާއެކު އޮސަސޫނާ މިވަނީ އެކްލަބްގެ ތާރީހްގައި ދެވަނަ ފަހަރަށް ކޮޕާ ޑެލްރޭގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މި ނާކާމިޔާބީއާއެކު ބިލްބާއޮ މިވަނީ ޖެހިޖެހިގެން ދެވަނަ އަހަރު ސެމީފައިނަލް މި މުބާރާތަށް އަލްވަދާއު ކިޔާފައެވެ. މުބާރާތުގެ ފައިނަލްގައި އޮސަސޫނާ ބައްދަލުކުރާނީ މިރޭ އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.