ޚަބަރު

ޑްރަގު އެތެރެކުރަނީ ނުރައްކާތެރި ބަލިތައް ހުރި މީހުން، ޖަލުގައި އެފަދަ މީހުން އެބަތިބި


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގިނަ މީހުންނަކީ ނުރައްކާތެރި ބަލިތައް ހުންނަ މީހުން ކަމަށާއި، މިހާރުވެސް ޖަލުގައި އެފަދަ މީހުން ބަންދުގައި އެބަތިބިކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެތަކެތި ގެނައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓާރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެމީހާއަކީވެސް ނުރައްކާތެރި ބޮޑު ބައްޔެއް ހުރި މީހެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން ގިނައިން އަންނަނީ ނުރައްކާތެރި ބޮޑެތި ބަލިތައް ހުންނަ މީހުންކަމަށާއި، އެގޮތުން އެއިޑްސް ހުރި މީހުންނާއި، ކިޑްނީ ބޮޑެތި ބަލީގެ މީހުން ހިމެނޭކަމަށެވެ. އަދި މިހާރުވެސް މިކަހަލަ އެތައް ބައެއް ޖަލުގައި ތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެމީހުން ބަލަހައްޓަން ޖެހެނީ ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެންކަމަށެވެ. މަސްތުވާތަކެތީގެ ޤާނޫނަށް ފަހުން ގެނައި އިސްލާހާއިއެކު ކޯޓުގެ އަމުރެއް ލިބުމުން އެމީހުން އަނބުރާ ފޮނުވާލެވޭނެ ގޮތްވެސް މިހާރު އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ އެފަދަ މީހުން އެތައް ދުވަހެއް ވަންދެން ޖަލުގައި ބޭތިއްބުމަށްފަހު އަނބުރައި ފޮނުވާލުމުގައި ދިމާވާ ބޮޑެތި ދަތިތަކެއް ހުންނަ ކަމަށެވެ. ގިނަ ފަހަރަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނުންވެސް މިފަދަ މީހުން އަނބުރާ ފޮނުވާލަނީ އެމީހުންނަކީ ކޮންބައެއްކަން އެނގިތިބެ، އެމީހުންގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ބަލާފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއިމެދު އަމަލުކުރާ ގަވާއިދެއް އެކުލަވާލީ އެފަދަ ކަންކަމުގައި ކަމާއިބެހޭ ފަރާތްތަކަށް އިނގިލި ދިއްކުރާ މިންވަރު ކުޑަކުރުމަށްކަމަށެވެ. މިގޮތަށް މަސްތުވާތަކެތި އެތެރެކުރާ މީހުން އަނބުރާ ފޮނުވާލުމަކީ މީގެ ކުރިންވެސް ކުރަމުންދާކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން، 3 ޙާލަތެއްގައި ރާއްޖެއަށް އަންނަ ބިދޭސީން އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވެއެވެ.

އެއީ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ދިވެހި ފުލުހުންނަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވުމާއި، އެމީހާގެ ލަގެޖުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވުމެވެ. އަދި އެމީހާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެއަށް އަންނަ މީހެއްކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާނަމަވެސް އެމީހާ ފޮނުވާލުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.