ޕްރިންސިޕަލުން ތަމްރީންކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަރކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެމް.ޑަބްލިޔު.އެސް.ސީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާޙްއެވެ.
މިފަހުމުނާމާގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަރސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަރޝިޕަކާއި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަރކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންކަމަށް އެމް.ޑަބްލިޔު.އެސްސީން ވިދާޅުވެއެވެ.
މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ހިމެނުނު 17 ޕްރިންސިޕަލެއް ތަންރީން ފުރިހަމަކޮށް މިހާރު ސްކޫލްތަކާއި ވަނީ ގުޅިފައެވެ.