ކުޅިވަރު

އޮފީސް ޓޭޕްބޯލް: ކުޅިވަރާ ބެހޭ ވުޒާރާ އާއި ރައީސް އޮފީހަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ކުޅިވަރާ ބެހޭ ވުޒާރާ އާއި ރައީސް އޮފީސް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ސީގައި ހިމެނޭ ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ އިމިގްރޭޝަން އަތުން ތިން ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 76 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 11 ލަނޑު ހެދި ސާއިސް މުޙައްމަދެވެ. މި އިނިންގްސްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ދެ އޯވަރު 15 ލަނޑަށް ތިން ވިކެޓު ނަންގަވާފައެވެ.

ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި ފަސް އޯވަރުގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 77 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި ސައިފުލް އިސްލާމާއި ހަ ބޯޅައިން 13 ލަނޑު ހެއްދެވި ވަޒީރު އަޙްމަދު މަޚްލޫފެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް އޭގައި ހިމެނޭ ރައީސް އޮފީސް މޮޅުވީ އެމްއެމްއޭ އަތުން ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ރައީސް އޮފީސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު އެމްއެމްއޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 106 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 29 ލަނޑު ހެދި އަބްދުލް ރަޝީދު އަބްދުﷲ އާއި 14 ބޯޅައިން 24 ލަނޑު އެއްކުރި އަޙްމަދު ޝިހާދެވެ.

ޖަވާބުގައި ރައީސް އޮފީސް ކުޅެން އަރައި ހަވަނަ އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 109 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 36 ލަނޑު ހެދި ސަހީރާއި ނުބައިނުވެ 19 ބޯޅައިން 29 ލަނޑު އެއްކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.