އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސްލް އިން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ފަސް ލަނޑު އެއްލަނޑުންނެވެ.
ނިއުކާސްލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ނިއުކާސްލްއިންނެެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ނިއުކާސްލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެލުމް ވިލްސަންއެވެ. އަދި މިލަނޑު ޖެހިތާ ހަތް މިނެޓްފަހުން ޖޯލިންޓަންވަނީ ލަނޑެއް ޖަހާ ނިއުކާސްލްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ވެސްޓް ހޭމްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ކަރޓް ޒޫމާއެވެ. މިމެޗްގައި ނިއުކާސްލްގެ ތިންވަނަ ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ވިލްސަންއެެވެ. މިއީ ވެސްޓް ހޭމްގެ ކީޕަރ ލޫކަސް ފަބިއާންސްކީ އާއި ޑިފެންޑަރ ނަޔެފް އެގުއާޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވިލްސަން ކާމިޔާބުކުރި ލަނޑެކެވެ. އެޓީމްގެ ހަތަރު ވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ އެލެގްޒެންޑަރ އިސާކްއެވެ. އަދި ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ޖޯލިންޓަންއެވެ.
މިކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެއީ ހަތަރު ވަނައަށް މިހާރު އަރާފައިވާ މެންޗެސްޓަރ ޔުނައިޓެޑާއި އެއް ވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މިމެޗުން ބަލިވުމުން ވެސްޓް ހޭމް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.