އިޓާލިއަން ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ފިއޮރެންޓީނާއިން ކްރެމޮނޭސޭ ބަލިކޮށްފިއެވެ.
ކްރެމޮނޭސޭގެ ދަނޑުގައި ކުޅުނު މިމެޗް ފިއޮރެންޓީނާއިން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ފިއޮރެންޓީނާއިންނެވެ. މިގޮތުން މެޗްގެ 20 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ފިއޮރެންޓީނާއިންވަނީ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރތަރ ކަބްރާލްއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިމެޗްގައި ކްރެމޮނޭސޭއަށް އިތުރު މައްސަލަ ތަކާއި ކުރިމަތިވީ މެޗްގެ 73 ވަނަ މިނެޓްގައި ފިއޮރެންޓީނާއިން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގޯލަށް ވައްނަންދިޔަ ބޯޅައެއްގައި އެމަނުއެލް އައިވޫ އަތްލުމާއި ގުޅިގެންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އައިވޫއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުގެ އިތުރުން ފިރޮރެންޓީނާއަށް ޕެނަލްޓީއެއް ލިބިގެންދިއުމެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދީ ފިއޮރެންޓީނާގެ ލީޑު ފުޅާކޮށްދިނީ ނިކޮލަސް ގޮންޒާލޭސްއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ފިއޮރެންޓީނާއަށް މިވަނީ ބޮޑުވެގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ ފިއޮރެންޓީނާގެ ދަނޑުގައި ކަމެވެ. މިމުބާރާތުގެ ދެވަނަ ސެމީފައިނަލްގައި ރޭ ޔުވެންޓަސް އާއި އިންޓަރ މިލާން ބައްދަލުކޮށް އެއް ލަނޑު އެއްލަނޑުންވީ އެއްވަރެވެ.