ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އަލީ ނާޝިދުއެވެ. މި ހާފުގައި ބުރަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައިވެސް ވަރުގަދަކޮށް ފެނުނު ދަ ގްރާންޑޭއިން ވަނީ ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަޙްމަދު ޝަކީބެވެ.
މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި ދަ ގްރާންޑޭ އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އީގަލްސްއަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
މި ގްރޫޕުން ކުއާޓާ ފައިނަލަށް ދާނެ ދެވަނަ ޓީމެއް އެނގޭނީ މި މަހު 10 ވަނަ ދުވަހު ބުރާއި އީގަލްސް ބައްދަލުކުރާ މެޗަށްފަހުގައެވެ. އެ މެޗު އެއްވަރުކޮށްލައިގެންވެސް ކުއާޓާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އީގަލްސްއަށް އެބައޮތެވެ.