މިއަހަރުގެ ރަމަޟާން މަހަކީ ކޯވިޑް 19ގެ ޢާލަމީ ވަބާއަށްފަހު އާއްމުކޮށް ހުޅުވާލައިގެން އެއްވެސް ކަހަލަ ފިޔަވަޅެއްނެތި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ހުރިހާ މުސްލިމުންނަށްވެސް ލިބިފައިވާއަހަރެކެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާގެ މާތްބިމަށް ޖަމާވަމުންނެވެ. މިގޮތުން މިއަހަރު ރަމަޟާންމަހު ރާއްޖެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ޢުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ގޮސްފައެވެ. ޚާއްސަކޮށް ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދާމީހުން މިހާރުވަނީ ފުރަން ފަށާފައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ރާއްޖެއިން ގިނަ ޢަދަދެއްގެ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްސަރެކެވެ. ވަކިން ޚާއްސަކޮށް އެންމެ ގިނައިން އުމްރާގެ އަޅުކަން އަދާކުރުމަށް ދަނީ ރަމަޟާންމަހުގެ ފަހު 10 އަކާ ދިމާކޮށެވެ.
މިގޮތުން މިއަހަރުވެސް ޙައްޖު ކޯޕަރޭޝަނާއެކު 14 ވަރަކަށް ގުރޫޕުން 2000އަށްވުރެ ގިނަމީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އުމުރާގެ އަޅުކަން އަދާކުރުމަށް މިއަދު އެކަނިވެސް 800 އަށްވުރެ ގިނަ މީހުން ފުރުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް 4 ދުވަސް ތެރޭގައި އިތުރު 988 މީހުން ރާއްޖެއިން އުމުރާއަށް ފުރުމަށްވަނީ ހަމަޖެހިފައިވެއެވެ.
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދީފައިވަނީ 43 ޖަމާއަތަކަށެވެ. ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގައި ގިނަ ބަޔަކު އެންމެ ގިނައިން ޢުމްރާއަށް ގޮސްފައިވަނީ މިއަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޢުމްރާއަށް މީހުންގެންދެވޭ އުސޫލަށް ބަދަލު ގެނެސް ދުނިޔޭގެ އެކި ޤައުމުތަކުން މީހުންނަށް ޢުމްރާވުމަށް ދޭ ވިސާއަށް ސަޢުދީން ވަނީ ލުއިތަކެއް ދީފައެވެ. އަދި ޢުމްރާވުމަށް ދާން އެދޭ ފަރާތްތަކަށް ވީސާ ހަމަޖެއްސުމުގައި އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ވީސާ ހޯދުމަށް ފަހި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މިވޭތުވެދިޔަ 5 މަހުގެ ތެރޭގައި 4 މިލިއަން މީހުންނަށް ޢުމްރާވުމަށް ވިސާ ދޫކޮށްފައިވާކަމަށް ސަޢުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ހާމަކުރެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10އެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަަށް ގޮސްފައެވެ. އަދި ފަހު ދިހައެއްގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ މައްކާގެ އެ މާތްބިމަށް ޖަމާވަމުންނެވެ. މިއަހަހަރުގެ ރަމަޟާންމަސް ވެގެންދާނީ ކޯވިޑްއަށް ފަހު އެންމެ ގިނަ މީހުން ރަމަޟާންމަހެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދާނެ އަހަރަކަށެވެ. ރަމަޟާންމަހު ޢުމްރާވެރިންނަށް އުމްރާ ތަކުރާރު ކުރުމުގެ ހުއްދަ ނުދިނުމަށް ސަޢުދީ ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ބަރަކާތްތެރި ރަމަޟާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ޝައުގުވެރިކަން ހުރި ގިނަ މީހުން ތިބުމާއެކު ލުއިފަސޭހަކަމާއެކު ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ސަޢުދީންވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރަށް އެ ޤައުމުން ވަނީ ހައްޖުވުމަށާއި އުމްރާވުމަށް ސައޫދީ އަރަބިއްޔާއަށް ގޮސް އުޅޭއިރު، އެގައުމުގެ މުގައްދަސް ބިނާތަކަށް ހައްގުގޮތުގައި އިހްތިރާމް އަދާކުރުމަށާއި، އަބަދު ފޮޓޯ ނެގުމާއިގެން މަޝްޣޫލްވެ ނޫޅުމަށްވެސް އަންގާފައެވެ.