2026 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 65 އިންސައްތަ ފިހާރަތައް އޮޓޮމޭޝަން މެދުވެރިކޮށް ހިންގާނެކަމަށް އެމެރިކާގެ ރީޓެއިލް ކޯޕަރޭޝަން ވޯލްމާޓްއިން އަންގާރަދުވަހު ބުނެފިއެވެ.
ވޯލްމާޓުން މިހެން ބުނެފައި ވަނީ އޮންލައިން އޯޑަރުތައް ޕްރޮސެސްކުރާ ފެސިލިޓީތަކުން ދެ ހާހަށްވުރެ ގިނަ މުވައްޒަފުން މަދުކުރާނެކަމަށް ހާމަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
އެ ކުންފުނީގެ ފުލްފިލްމަންޓް ސެންޓަރުތައް މެދުވެރިކޮށް ޕްރޮސެސްކުރާ ޕެކޭޖުތަކުގެ ގާތްގަނޑަކަށް %55 ޖެނުއަރީ 2026ގެ ނިޔަލަށް އޮޓޮމެޓިކް ފެސިލިޓީތަކުގެ ތެރެއިން ބަދަލުކޮށް، ޔުނިޓް ކޮސްޓް އެވްރެޖް ގާތްގަނޑަކަށް %20 ރަނގަޅުވާނެކަމަށް ވޯލްމާޓުން ބުނެއެވެ.
"މި އިތުރުވެފައިވާ ވަސީލަތްތަކުގެ ސަބަބުން އިންވެންޓްރީ ރަނގަޅު ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ވޯލްމާޓްގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އީ-ކޮމާސް ވިޔަފާރިއަށް ވެސް އެހީތެރިވެދެވޭނެ،" ސްޓެފަންސް އިންކްގެ އެނަލިސްޓް ބެން ބިއެންވެނޫ ވިދާޅުވިއެވެ.
މި ފިޔަވަޅުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތްކުރާ އެމެރިކާގެ ގާތްގަނޑަކަށް 1.7 މިލިއަން މުވައްޒަފުންގެ އިތުރު އެހެން ގައުމުތަކުގެ 60،000 މުވައްޒަފުން އެމީހުންގެ ވަޒީފާއިން ވަކިކުރާނެކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން މަދުން މުސާރަ ލިބޭ ވަޒީފާތައް މަދުކުރާނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ބަދަލުގެ އެއް ނަތީޖާއަކީ މުސާރަ ބޮޑުވުންކަމުގައިވެސް ވޯލްމާޓުން ބުނެއެވެ.
މުވައްޒަފުން ވަކިކުރުމާއި ގުޅޭގޮތުން އެމެރިކާގެ 5000 އަށްވުރެ ގިނަ ފިހާރަ ހިންގާ ވޯލްމާޓުން އަދި އެއްޗެއް ނުބުނެއެވެ.
ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ވިޔަފާރި %4.5 އާއި %5 އާ ދެމެދުގެ މިންވަރަކަށް އިތުރުވާނެކަމަށް ލަފާކުރާ ކަމަށްވެސް ކުންފުނިން ބުނެއެވެ.
ވޯލްމާޓުން ވަނީ އޮންލައިން އޯޑަރ ފެސިލިޓީތަކަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށް، ގްރޮސެރީ ރޮބޮޓިކްސް ކުންފުނި އެލރާޓް އިނޮވޭޝަން ގަނެ، އީ-ކޮމާސް އޯޑަރުތައް ޕްރޮސެސްކުރުމަށް މުވައްޒަފުން ފުރިހަމަކުރަންޖެހޭ ފިޔަވަޅުތައް 12 އިން 5 އަށް ކުޑަކުރުމަށް އެހީތެރިވުމަށް ކްނެޕް ފަދަ ކުންފުނިތަކާއި ގުޅިފައެވެ.
ވޯލްމާޓުން މިގޮތަށް ހާމަކޮށްފައިވާއިރު، އެ ކުންފުނީގެ އަހަރީ އިންވެސްޓަރުންގެ ބައްދަލުވުމެއް ފްލޮރިޑާގެ ޓަމްޕާގައި އަންނަނީ ކުރިއަށްދަމުންނެވެ. އޮޓޮމޭޝަން މެދުވެރިކޮށް ފިހާރަތައް ހިންގަން ނިންމާފައިވާއިއރު، ވޯލްމާޓުން އަންނަނީ އޮންލައިން އޯޑަރު ޑެލިވަރީތައް ބެލެހެއްޓުމަށް ބޮޑެތި ފިހާރަތައް ބޭނުން ކުރަމުންނެވެ. އަދި އޯޑަރުތައް އަވަސްކުރުމަށް އެމީހުންގެ އޮޓޮމޭޝަން ހިދުމަތަށް ބޮޑު އިންވެސްޓްމެންޓެއްވެސް ކުރަމުންނެވެ.
ވޯލްމާޓްގެ ސީއީއޯ ޑަގް މެކްމިލޮން ފެބްރުއަރީ މަހު ވިދާޅުވި ގޮތުގައި މިއަހަރު 15 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ކެޕިޓަލް ސްޕެންޑިން ބަޖެޓުގެ ތެރެއިން އޮޓޮމޭޝަން ޓެކްނޮލޮޖީއަށް އިންވެސްޓްމަންޓްތައް އިތުރު ކުރުމުގެ ޕްލޭންތަކާއެކު ކުންފުންޏަށް ލިބިފައިވާ އޮޓޮމޭޝަން ފުރުސަތުތަކާއިމެދު އޭނާ ވަރަށް ހިތްހަމަޖެހެއެވެ.