ޚަބަރު

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ނަޒާހަތްތެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއް


ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއެވެ. އަދި އޭ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ.

މި އެއްބަސްވުމުގެ ދަށުން، ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ އިތުރުން އެފަދަ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމާއި މަނާކުރުމަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އާންމުން ހޭލުންތެރިކުރުވުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ މުއައްސަސާގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން ފަދަ ކަންކަން މި އެއްބަސްވުމުގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އޭ.ސީ.ސީގެ ފަރާތުން ކޮމިޝަނުގެ މެމްބަރު ޠާހާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދެ މުއައްސަސާގެ މަސައްކަތަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޖުމްލަ ގޮތެއްގައި މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވަނީ ބައިވެރިވެފައެވެ.