ކުޅިވަރު

އޮފީސް ޓޭޕްބޯލް: މީރާ އާއި ކަސްޓަމްސް އެއްވަރު، ޕޮލިހަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގައި މީރާ އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އެއްވަރުވިއިރު، ޕޮލިސް ކުލަބުން ފެށިން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ބީގައި ހިމެނޭ މީރާ އާއި ކަސްޓަމްސް އެއްވަރުވިއިރު، މި މެޗުގެ ގުރުދިމާވުމުން މީރާ ނިންމީ ކުޅުމަށެވެ. އެއާއެކު އެ ޓީމު ކުޅެން އަރައި އަށް އޯވަރު ހިމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 113 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 34 ލަނޑު ހެދި ކަމްރުލް މީރާ އާއި ނުބައިނުވެ 21 ބޯޅައިން 31 ލަނޑު އެއްކުރި މުޙައްމަދު ޖިނާހެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށްވެސް ހެދުނީ 113 ލަނޑެވެ. ކަސްޓަމްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 24 ލަނޑު ހެދި މުޙައްމަދު އާމިރާއި 15 ބޯޅައިން 16 ލަނޑު އެއްކުރި ހައިކަލެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް ސީގައި ހިމެނޭ ޕޮލިސް މޮޅުވީ ކުޅިވަރާ ބެހޭ ވުޒާރާ އަތުން ފަސް ވިކެޓުންނެވެ.
 
މި މެޗުގެ ގުރު ދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 33 ލަނޑު ހެދި އިމާދު އިސްމާޢީލާއި 11 ބޯޅައިން 27 ލަނޑު އެއްކުރި ސައިފުލް އިސްލާމެވެ.

ޖަވާބުގައި ޕޮލިސް ކުޅެން އަރައި އަށްވަނަ އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 35 ލަނޑު ހެދި ކަސުން އާއި 12 ބޯޅައިން 33 ލަނޑު އެއްކުރި އޮލިއުލް އިސްލާމެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހެވެ.