ކުޅިވަރު

އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުކަމަށް ޖަވާޒް


އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އައްޔަންކުރައްވައިފިއެވެ.

މި ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ޖަވާ މަސައްކަތްކުރައްވާނީ މި އަހަރުން 2027 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ މި ކޮމިޓީގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ބޭފުޅަކަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

އޭޝިއާ ފުޓްބޯޅައިގެ އިސް ޒިންމާތަކެއް ބޮލުގައި އެޅިފައިވާ ޑިވެލޮޕްމަންޓް ކޮމިޓީން މަސައްކަތްކުރާނީ އެ އިދާރާގެ ހިންގާ ކޮމިޓީއާ އެންމެ ގާތުންނެވެ. އެގޮތުން ހިންގާ ކޮމިޓީގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ދޭތޯ ބެލުމާއި, ކޮމިޓީއަށް ލަފާ ދޭނީވެސް ޑިވެލޮޕްމަންޓް ކޮމިޓީންނެވެ. އަދި ޑިވެލޮޕްމަންޓް ސްޓްރެޓެޖީއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރުމާއި، ބަދަލުތަކާ ގުޅޭ ދިރާސާތައްވެސް ކުރާނީ އެ ކޮމިޓީންނެވެ.

ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުކަމަށް ޖަވާޒް އައްޔަންކުރެއްވޮއިރު، ކުރިއަށް އޮތް ދައުރުގައި އޭއެފްސީގެ ހިންގާ ކޮމިޓީގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް މަަސައްކަތްކުރައްވާނެއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ޖަވާ ވިދާޅުވީ އޭއެފްސީގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުތަކާ ބެހޭ ކޮމިޓީގައި ހިމެނުމަކީ ވަރަށް ބޮޑު ޘަރަފެއް ކަމަށެވެ. އަދި މުހިންމު ކޮމިޓީއަކުން ފުރުސަތު ލިބުމަކީ ރާއްޖެއަށްވެސް ލިބިގެންދާނެ އުންމީދެއް ކަމަށްވެސް ވިދާޅުވިއެވެ.

ޖަވާ އަކީ އެފްއޭއެމުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ބައްސާމް އިންތިޚާބުވެވަޑައިގަތުމާ ހަމައިން މިއަދާ ހަމައަށްވެސް އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއެވެ. އަދި އޭގެ ކުރިން 2014 ވަނަ އަހަރުވެސް ޖަވާ ވަނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ.

ކުރިން ފުޓްބޯޅަ ކުޅުއްވި ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމުގައި މަސައްކަތް ކުރައްވަމުންނެވެ.