ކުޅިވަރު

ހަ ޓީމާއެކު ޕްރެޒިޑެންޓްސް ކަޕް އާދީއްތަ ދުވަހު ފަށަނީ


ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް އަންނަ އާދީއްތަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ހަ ޓީމެވެ. މުބާރާތުގައި ވާދަނުކުރާ ދެ ޓީމަކީ ކުލަބު ގްރީން ސްްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. އެ ދެ ޓީމުން ބައިވެރިނުވަން ނިންމީ މާލީ ހާލަތުގެ ސަބަބުންނާއި ކުލަބު ލައިސަންސިން ކަންކަން އަދި ފުރިހަމަނުކުރެވޭތީއެވެ.

ހަ ޓީމާއެކު ޕްރެޒިޑެންޓްސް ކަޕް ފަށާއިރު، މި ފަހަރު މުޅިން އަލަށް ބުރު ސްޕޯޓްސް ކުލަބު މި މުބާރާތުގައި ވާދަކުރާނެއެވެ. މި ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސްއިން އަންނަނީ މި ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕުގެ ކުޅުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެލެންސިއާ އާއި، ކުލަބު އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސްއެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ 22:00 ގައެވެ. ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި ތިން ދުވަހުގެ ބްރޭކަކަށް ފަހު، ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ކުޅޭއިރު، ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ މި މަހު 19 އާއި 20 ވަނަ ދުވަހެވެ.

އެއަށްފަހު ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލް ދެ މެޗު އޮންނަނީ މި މަހު 25 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެރެއެވެ.