ކުޅިވަރު

ވެޓެރަންސް ލީގު: ސްޓެލްކޯ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ކުރިއަށް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގައި ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ގުރޫޕް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މި މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މުޅި މެޗުގައި މޮޅެތި ކުޅުންތެރިން ގިނަ ހުޅުމާލެ ވެޓެރަންސް ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މި މެޗުގައި ހުޅުމާލެ ވެޓެރަންސްއަށް ގޯލް ހުޅުވާލަދިނީ ދެވަނަ ހާފުގެ ކުރީކޮޅެވެ. މި ހާފު ފަށައިގެން ދެވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝިމާޒެވެ.

މި މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އިސްމާޢީލް މުޙައްމަދު ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ މުޙައްމަދު ޖަމީލެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޖަމީލް ދިން ބޯޅައަކުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާޢީލް ވަނީ ހުޅުމާލެ ވެޓެރަންސް ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖަމީލެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި ހުޅުމާލެ ވެޓެރަންސް އުޅެނީ ގްރޫޕް ބީގެ އެއްވަނައިގައެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހުޅުމާލެ ވެޓެރަންސް ވަނީ ދިވެހި ސިފައިންގެ ކުލަބާ އެއްވަރުވެފައެވެ.

ޖުމްލަ 11 ޓީމާއެކު މި އަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.