ޚަބަރު

އޭޑީކޭ ނާޝިދު ވިދާޅުވަނީ އޭރުވެސް، މިހާރުވެސް ރައީސް ސާލިހުކަމަށް


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާނެކަން ރައްޔިތުންގެ މަޖިލީޙުގެ ކުރީގެ މެމްބަރު އަދި އޭޑީކޭގެ ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ.އަތޮޅުގެ މެމްބަރުކަމާއި ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އޭޑީކޭ ނާޝިދަކީ ޖުމްހޫރީ ޕާޓީގެ އެއް ފައުންޑަރ އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް ސާލިހުއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އޭޑީކޭ ނާޝިދު އިއްޔެ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ އޭނާ ކުރިންވެސް ތާއީދުކުރެއްވީ ރައީސް ސާލިހަށްކަމަށާއި އަދި މިފަހަރުވެސް ތާއީދުކުރައްވާނީ ރައީސް ސާލިހަށްކަމަށެވެ.

މަޖިލީހުގައި ގިނަަ އަހަރުތަކެއް ހޭދަކުރެއްވި ނާޝިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ސިޔާސީ މަސައްކަތްތަކާއި ދުރުގައި އުޅުއްވާ، ނާޝިދަކީ ދިވެހިރާއްޖޭގައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލްއެވެ.