ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމުގައިވާ އެފްއޭ ކަޕް ނުވަތަ ފުޓުބޯޅަ އެސޯސިއޭޝަން ކަޕް މިއަދު ފަށާނެއެވެ.
މިފަހަރުގެ ފުޓުބޯޅަ ސީޒަން ނިންމާ މުބާރާތެއްގެ ގޮތުގައި ކުޅޭ އެފްއޭ ކަޕް މިއަދު ފަށާއިރު، މި އަހަރު މި މުބާރާތް މި ބާއްވަނީ، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އެންމެފަހުން މި މުބާރާތް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މި ސީޒަނުގެ ދިވެހި ލީގުގެ ވެސް ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
މެދުކެނޑުމަކަށްފަހު ބާއްވާ މި މުބާރާތުގައި މި ފަހަރުގެ ޖުމްލަ އަށް ޓީމެއް ވާދަކުރެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ ހަތް ޓީމަކާއި ތިންވަނަ ޑިވިޝަނުގެ ޓީމެކެވެ. ފުރަތަމަ ޑިވިޝަނުން މުބާރާތުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް އެވެ. ތިންވަނަ ޑިވިޝަނުން މުބާރާތުގައި ވާދަކުރަނީ ބްލޫ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ބްލޫ ސްޕޯޓްސް ކުލަބެވެ. އެއަށްފަހު މިރޭގެ މެޗުގައި ވާދަކުރާނީ، ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައިވާ އޮޑިއާއި ނިއުރޭޑިއަންޓެވެ.
މުބާރާތުގެ މެޗްޑޭ 2 ގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭނީ ވިކްޓްރީއާއި ޓީސީ އެވެ. އަދި އެރޭ މާޒިޔާއިން ބުރާ ދެކޮޅަށް ނުކުންނާނެއެވެ.
ކުއާޓަރ ފައިނަލާ ހަމައިން ފެށޭ މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅޭނީ 18 ވަނަ ދުވަހުއެވެ.
2022 ގެ ކުރިން މި މުބާރާތް އެންމެފަހުން ބޭއްވީ 2020 ވަނަ އަހަރުއެވެ. އޭރު ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން، އެފަހަރުގެ މުބާރާތް ޖެހުނީ ސެމީ ފައިނަލާ ހަމައިން ނިންމާލާށެވެ.
މި މުބާރާތް އެންމެފުރަތަމަ ބާއްވާފައި ވަނީ 1988 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިފަހަރުގެ މުބާރާތުގައި ފެނިގެންނުދާ، ކްލަބް ވެލެންސިއާ އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ނިއުރޭޑިއަންޓެވެ. އެ ޓީމުން ވަނީ 12 ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ފަހަރަށް މުބާރާތް ކާމިޔާބުކޮށް، މި މުބާރާތުގެ ތަށި މިލްކު ކުރި ހަމައެކަނި ޓީމަކީ ވެސް ނިއުއެވެ. ނިއުއިން ވަނީ ދެ ފަހަރަށް މި މުބާރާތް މިލްކު ކޮށްފައެވެ.