ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އެންމެ ދުވަސްވީ ތިން ކުޅުންތެރިންކަމަށްވާ ކަރިމް ބެންޒީމާ، ލޫކާ މޮޑްރިޗް އަދި ޓޯނީ ކްރޫސް މިއަންނަ ސީޒަންގައިވެސް ރެއާލްގައި މަޑު ކުރާނެކަމަށް އުންމީދު ކުރާކަމަށް އެޓީމްގެ ކޯޗް ކާލޯ އެންޗެލޯޓީ ހާމަކޮށްފިއެވެ.
މިތިން ކުޅުންތެރިންވެސް ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަނާއެކު ހަމަވެގެންދާނެއެވެ. އެންޗެލޯޓީ ހާމަކުރިގޮތުގައި މިތިން ކުޅުންތެރިންނާވެސް ކްލަބުން އަންނަނީ އާއެއްބަސްވުމަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އުމުރުން 35 އަހަރުގެ ރެއާލްގެ މިހާރުގެ ކެޕްޓަން ބެންޒީމާ އާއި 37 އަހަރުގެ މޮޑްރިޗްވަނީ ރެއާލް އާއެކު ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި 33 އަހަރުގެ ކްރޫސްވަނީ ހަތަރު ފަހަރު ރެއާލް އާއެކު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފައެވެ. އެންޗެލޯޓީ ގަބޫލް ކުރާގޮތުގައި މިތިން ކުޅުންތެރިންގެ ކަންތަކުގައި ރަނގަޅު ގޮތެއް ހަމަޖެހިގެންދާނެއެވެ.
އެންޗެލޯޓީ ގަބޫލްކުރާ ގޮތުގައި މިތިން ކުޅުންތެރިންވެސް މިއަންނަ ސީޒަންގައިވެސް ރެއާލްއިން ފެނިގެންދާނެއެވެ. އަދި ކުޅުންތެރިން އިވެލުއޭޓް ކުރާއިރު ބަލަން ޖެހޭނީ ކުޅުންތެރިންގެ އުމުރަށް ނޫން ކަމަށާއި އެކުޅުންތެރިން ދައްކަމުންދާ ކުޅުމަށްކަމަށްވެސް ރެއާލްގެ ކޯޗް ފާހަގަ ކުރިއެވެ. އަދި މިތިން ކުޅުންތެރިންގެ ތަޖްރިބާއަކީ މިވަގުތު ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށާއި މުޅި ޓީމަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމެކެވެ.