ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލް ފަހު ދެ ޖާގަ ޕޮލިސް ކުލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
ސެމީގެ ޖާގައެއް ގްރޫޕް ސީގައި ހިމެނޭ ޕޮލިހުން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އިމިގްރޭޝަން އަތުން 46 ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ޕޮލިސް ކުޅެން އަރައި އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 124 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 28 ލަނޑު ހެދި އިސްމާޢީލް ނަސީރާއި ނުބައިނުވެ 14 ބޯޅައިން 26 ލަނޑު އެއްކުރި އޮލިއުލް އިސްލާމެވެ.
ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 78 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 22 ބޯޅައިން 26 ލަނޑު ހެދި ސާއިސް މުޙައްމަދެވެ.
މި މޮޅާއެކު ގްރޫޕް ސީގެ އެއްވަނަ ޕޮލިހަށް ލިބުނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައަށްދިޔަ ކުޅިވަރާ ބެހޭ ވުޒާރާއަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ އިމިގްރޭޝަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ގްރޫޕް ބީގައި ހިމެނޭ ކަސްޓަމްސް ދަތުރުކުރީ އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރުވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ރައީސް އޮފީހާއި ކަސްޓަމްސް ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ މީރާ އާއި ޕޮލިހެވެ.
ނުވަ ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ.