އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ތާވަލުގެ އެއްވަަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޑަކޮށްފިއެވެ.
ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީއިން ފެށުން ރަނގަޅުވި ނަމަވެސް ވަކި ހިސާބަކުން ސައުތެމްޕްޓަންއިންވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް މިފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަަކަށް ވެގެންދިޔައީ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ސިޓީއިން ލަނޑެއް ޖަހާ މެޗްގެ ލީޑު ނެގުމެވެ. މިލަނޑު ކެވިން ޑި ބްރައިނަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ އާރލިންގ ހާލަންޑްއެވެ. މިލަނޑު ޖެހުމަށް ޑި ބްރުއިނަރ ތަނަވަސްކޮށްދިން ފުރުސަތާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގައި 100 އެސިސްޓް ހަމަކޮށްފައެވެ.
މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހަދިނީ ޖެކް ގްރީލިޝްއެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ހާލަންޑެވެ. ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް މިބޯޅަ ގޯލަށް ވައްދާލާފައިވަނީ ބައިސިކަލް ކިކްއެއް ޖަހައިގެންނެވެ. އަދި މިއާއެކު ހާލަންޑް މިވަނީ މިހާތަނަށް ޕްރިމިއަރ ލީގުގައި ކުޅުނު 27 މެޗްގައި 30 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޕްރިމިއަރ ލީގުގެ ތާރީހްގައިވެސް އެންމެ އަވަހަށް ސިޒަނެއްގައި 30 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށްވެސް އޭނާ ވަނީ ވެގެން ގޮސްފައެވެ. މީގެއިތުރުން މިސީޒަންގައި އޭނާ ސިޓީއަށް ޖަހާދިން ލަނޑުގެ އަދަދު މިހާރުވަނީ ހުރިހާ މުބާރާތަކަށް ބަލާލާއިރު 44 ލަނޑަށް އަރާފައެވެ.
މިމެޗްގައި ސައުތެމްޕްޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެކޮއު މާރާއެވެ. ނަމަވެސް މިލަނޑު ޖެހިތާ އެއް މިނެޓްފަހުން ސިޓީއިންވަނީ އެޓީމްގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒްއެެވެ.
މިކާމިޔާބީއާއެކު ސިޓީއިން މިހާރުވަނީ ކުޅުނު 29 މެޗުން 67 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރެވިއްޖެކަމަށްވާނަމަ އާސެނަލްއަށް އަނެއްކާވެސް އަށް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި މިމެޗުން ބަލިވުމުން ސައުތެމްޕްޓަން އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.