ކުޅިވަރު

އެވަޓަން އަތުން ޔުނައިޓެޑަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބޮޑުބައި ކޮންޓްރޯލް ކޮށްފައިވަނީ ޔުނައިޓެޑުންނެވެ. އަދި އެވަޓަން ފެނިގެންދިޔައީ ގިނައިން ޑިފެންޑް ކޮށް ލިބޭ ފުރުސަތުތަކުގައި މަދުމަދުން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިމެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ އެންތަނީ މާޝިއަލް އެވެ.

މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޔުނައިޓެޑަށް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ. މިމެޗް ނިމެން ގާތްވެފައިވަނިކޮށް އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންެތެރިޔާ ކަމަށްވާ މާކަސް ރަޝްފަޑްއަށް އަނިޔާވެގެން ބޭލިތަން ފެނިގެންދިޔައެވެ. މިއީ އަންނަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލްގައި ސެވިއްޔާ އާއި ދެކޮޅަށް ނިކުންނަން ބަލާއިރު އެޓީމުން ކަންބޮޑުވާނެކަމެކެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ 29 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގާ ފައިހަރުކޮށްލާފައެވެ. އަދި މިމެޗުން ބަލިވުމާއެކު އެވަޓަން އުޅެނީ 30 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.