ކުޅިވަރު

ބްރައިޓަން ބަލިކޮށް ސްޕާސްއިން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް ގަދަ ހަތަރަކަށް އެރުމަށް ކުރަމުންދާ އުންމީދު ޓޮޓްނަމް ހޮޓްސްޕާއިން އާކޮށްފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ބްރައިޓަންއިން މެޗްގެ ބޮޑުބައި ކޮންޓްރޯލްކުރި މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަހަމަލާ އުފައްދާފައިވަނީވެސް ބްރައިޓަންއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްޕަރސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސޮން ހެއުންގ މިންއެވެ. މިލަނޑާއެކު އޭނާވަނީ ޕްރިމިއަރ ލީގުގައި 100 ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ.

މިމެޗްގައި ބްރައިޓަން އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލުވިސް ޑަންކްއެވެ. މިމެޗުން ސްޕަރސް މޮޅުވި ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ހެރީ ކޭންއެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި ދެލަނޑެއް ވަނީ ވީއޭއާރުން ބެލުމަށްފަހު ލަނޑު ޖެހުމުގެ ކުރިން އަތުގައި ޖެހިފައިވާކަމަށް ނިންމާ ބަލައިނުގަންފައެވެ.

މީގެއިތުރުން ބްރައިޓަންގެ ކައޯރޫ މިޓޯމާއަށް ސްޕަރސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕިއޭ އެމީލް ހޮއިބަރގް ފައުލް ކުރިކަމަށް ހީވެގެންދިޔަ ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެހާދިސާ ރެފްރީއަށް ރިޕޯޓް ކޮށްފަ ނުވާކަން ފާހަގަ ވެގެންދިޔައެވެ. މިމެޗް އިތުރަށް ހޫނުވެ ދެޓީމްގެ ބެންޗްގެ މެދުގައި ހޫނު ބަހުސެއް ހިނގާދިޔަތަންވެސް ފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެޓީމްގެ ކޯޗުންނަށް ރެފްރީ ރަތްކާޑު ދައްކާ ބެންޗުން ފޮނުވާލުމެވެ.

މިކާމިޔާބީއާއެކު ސްޕަރސް މިހާރުވަނީ ކުޅުނު 30 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑައި ތިން ޕޮއިންޓަށް ކައިރިކޮށްފައެވެ. ނަމަވެސް ސްޕަރސްއިން ވަނީ އެއްމެޗް އިތުރަށް ކުޅެފައެވެ. އަދި މިމެޗުން ބަލިވުމާއެކު ގަދަ ހަތަރަކަށް އެރުމަށް ބްރައިޓަންއިން ކުރަމުންދާ އުންމީދު ތަކަށް މިވަނީ އިތުރު ހީނަރު ކަމެއް އައިސްފައެވެ. އެޓީމަށް ލިބިފައިވަނީ 28 މެޗުން 46 ޕޮއިންޓެވެ. އެޓީމް ނުކުޅެ އޮތް ދެމެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ ސްޕަރސް އާއި އެއް ޕޮއިންޓަށް ކައިރި ކުރެވޭނެ ނަމަވެސް މިވަގުތު ހަތަރުވަނައިގާ އުޅޭ ޔުނައިޓެޑާއި ދެމެދު 10 ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ.