ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން ބަލިވެ ތަށި ދިފާއުކުރުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ހަނިވެއްޖެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ވިޔަރެއާލްއިން ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑަކީ މެޗްގެ 16 ވަނަ މިނެޓްގައި ވިޔަރެއާލްގެ ޕައު ޓޯރޭޒް އަތުން ބައިކޮޅަށް ވަން ލަނދެކެވެ. މިލަނޑާއެކު ރެއާލްއަށް ލީޑު ލިބިފައިވަނިކޮށް ވިޔަރެއާލްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ 39 ވަނަ މިނެޓްގައި ސެމިއުލް ޗުކްވުއޭޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިމެޗްގައި ރެއާލްއިން ދެވަަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 48 ވަނަ މިނެޓްގައި ވިނީޝިއަސް ޖޫނިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗްގައި ވިޔަރެއާލްގެ ދެވަނަ ލަނޑު ޖަހާދީ މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްދިނީ މެޗްގެ 70 ވަނަ މިނެޓްގައި ހޯސޭ ލުއިސް މޮރާލޭސްއެވެ. އަދި އޭގެ 10 މިނެޓްފަހުން މިމެޗުން ވިޔަރެއާލް މޮޅުވި ލަނޑު ޖަހާދިނީ އެޓީމްގެ ފުރަތަމަ ލަނޑުވެސް ޖަހާދިން ޗުކްވުއޭޒޭއެވެ.
މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ރެއާލްއަށް ޕެނަލްޓީއެއް ލިބުނު ކަމަށްވެސް ހީވެގެންދިޔައެވެ. ވިޔަރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ އައިސާ މެންޑީ ވެއްޓުނު ވަގުތު ބޯޅައިގާ އަތް ޖެހުނުކަމަށް ރެފްރީއަށް ހީވެގެންދިން ޕެނަލްޓީ ވަނީ ފަހުން ވީއޭއާރުގެ ލަފާގެ މަތިން ޕިޗް ސައިޑް މޮނީތަރއިން ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.
މިކާމިޔާބީއާއެކު ވިޔަރެއާލް މިހާރުވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވުމާއެކު މިސީޒަންގައި ލަލީގާގެ ތަށި ދިފާއު ކުރުމަށް ރެއާލް އޮތް ފުރުސަތު މިހާރުވަނީ ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައެވެ. މިގޮތުން މިހާރު ރެއާލް އުޅެނީ 28 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި 12 ޕޮއިންޓް ފަހަތުގައެވެ. އަދި މިއަންނަ ހޯދަ ދުވަހުގެރޭ ޖިރޯނާ އާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްދި ކަމަށްވާނަމަ މިފަރަގު 15 ޕޮއިންޓަށް އިތުރު ވުމުގެ ފުރުސަތު އޮންނާނެއެވެ.