ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަށަށް ގޮސްފައިވާކަމަށް އދ.ގެ ކާނާއާބެހޭ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯގެ ޕްރައިސް އިންޑެކްސް ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ދައްކާގޮތުން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އުފުލުނު އަގުތައް މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ 12 މަސްދުވަހަށް ބަލާއިރު، ކޮންމެ މަހަކުވެސް ކާބޯތަކެތީގެ އަގުތައް ދިޔައީ ދަށްވަމުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި ހިސާބުތަކަކީ ދުނިޔޭގެ ބާޒާރުގައި އެންމެ ގިނައިން ގަނެ، ވިއްކާ މުދާތަކުގެ އަގުތައް ބެލުމަށްފަހު ނެރޭ ހިސާބުތަކެކެވެ. އެފްއޭއޯއިން ނެރުނު ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހު ޕްރައިސް އިންޑެކްސް 129.7 ޕޮއިންޓްގައި ހުރިއިރު، ނިމުނު މާޗުމަހު އެ އަދަދުވެސް ވަނީ 129.6 އަށް ދަށްވެފައެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައިމަހަށްފަހު މިއަދަދު އެންމެ ދަށަށްދިޔަ ފަހަރުކަމަށްވެސް އެފްއޭއޯއިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބާޒާރަަށް ބޭނުންވާ ސަޕްލައިތައް އިތުރުކޮށް، ޑިމާންޑް ދަށްވުމެވެ. އަދި ޔުކްރެއިންގެ ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާތެރިކަމާއެކު އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިނުމުގެ އެއްބަސްވުމެއް ޤާއިމްކުރުމަކީވެސް ކާބޯތަކެތީގެ އަގުތައް ދަށްވުމަށް މެދުވެރިވި ސަބަބެއްކަމަށް އެފްއޭއޯއިން ބުނެއެވެ.
އެފްއޭއޯގެ ޗީފް އިކޮނޮމިސްޓް މެކްސިމޯ ޓޮރެރޯ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ދަށްވި ނަމަވެސް، ގައުމުތަކުގެ އެތެރޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދިއުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ދައްޗެއްކަމަށެވެ.
މެކްސިމޯ ވިދާޅުވީ ޤައުމުތަކުގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލެމުންދަނީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމުތަކުގައި ޑޮލަރާއި ޔޫރޯއާ އަޅާބަލާއިރު އެ ޤައުމުތަކުގެ ފައިސާ އަގު ދަށްވުމުންކަމަށެވެ. މީގެއިތުރުން ޤައުމުތަކުގެ ދަރަނީގެ މައްސަލައަކީވެސް އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބެއްކަމަށް އޭނާ ފާހަގަކުރިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދުނިޔޭގެ ބާޒާރުގައި ސީރިއަލްގެ އަގު އޭގެ ކުރީ މަހާ އަޅާބަލާއިރު 5.6 އިންސައްތަ ވަނީ ދަށްވެފައެވެ. ހަނޑުލުގެ އަގު 3.2 އިންސައްތަ، ގޮދަނުގެ އަގު 7.1 އިންސައްތަ، ޒުވާރީގެ އަގު 4.6 އިންސައްތަ، ވެޖިޓަބަލް އޮއިލްއިން 3 އިންސައްތަ އަދި ކިރުގެ ބާވަތްތަކުގެ އަގުތައް ވަނީ 0.8 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.
ދުނިޔޭގެ ބާޒާރުގައި އުފުލުނު އަގުތަކަށް ބަލާއިރު، ހަކުރުގެ އަގު ވަނީ 1.5 އިންސައްތައަށް އުފުލިފައެވެ. 2016 ވަނަ އަހަރަށްފަހު ހަކުރުގެ އަގު އުފުލިފައި މިވަނީ އެންމެ ގިނައިން ހަކުރު އުފައްދާ ޗައިނާ، އިންޑިއާ އަދި ތައިލެންޑުން ހަކުރު އުފައްދާ މިންވަރު ދަށްވުމުންނެވެ. ހަކުރުގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގުތައްވެސް ވަނީ 0.8 އިންސައްތަ އުފުލިފައެވެ.