ރާއްޖޭގެ ފުޓުބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕުގެ ފެށުން ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.
ހަ ޓީމު ވާދަކުރާ މި މުބާރާތް އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑު އެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރަން އޮތް ދެ ޓީމަކީ ކުލަބް އީގަލްސްއާއި ކުލަބް ވެލެންސިއާ އެވެ. ނަމަވެސް ތާވަލަށް ގެނައި ބަދަލާއެކު މުބާރާތް ފަށާނީ ހޯމަދުވަހު ކުޅެން އޮތް ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ބުރު ސްޕޯޓްސް ކުލަބެވެ.
ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް އޮވެއެވެ. އެކަމަކު މާލީ ހާލަތުގެ ސަބަބުން ކުލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ވަނީ މި މުބާރާތުގައި ބައިވެރިނުވާން ނިންމާފައެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅެފައިވަނީ ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ. އިތުރު ވަގުތު ކުޅެގެން މާޒިޔާ ބަލިކޮށް ވެލެންސިއާ އިން ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.