ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މުބާރާތް ތިން ފަހަރު މިހާތަނަށް ކާމިޔާބުކޮށްފައިވާ ނިއު ރޭޑިއަންޓުން ވަނީ ފުރަތަަމަ މެޗުން ސްޓެލްކޯ ކްލަބާ 1-1 އިން އެއްވަރުވެފަ އެވެ. ދެވަނަ މެޗުގައި ސިފައިންނާ ލަނޑެއް ނުޖެހި އެއްވަރުވުމާއެކު މުބާރާތުގައި ކުރިޔަށްދިއުމަށް އެ ޓީމަށް މިހާރު ވަނީ ބޮޑު ޗެލެންޖަކާއި ކުރިމަތިވެފައެވެ.
ގްރޫޕުގައި ނިއު ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލޭ ވެޓަރަންސް ކުލަބާއެވެ. އެ މެޗުން ނިއު މޮޅު ނުވެއްޖެނަމަ އެ ޓީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ހަނިވާނެއެވެ.
މެޗުގައި ނިއުރޭޑިއަންޓްގެ މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އާއި ޝާހު އިސްމާއިލް (ސާޔާ) ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ސިފައިންގެ ވަރުގަދަ ކުޅުމުގެ ސަބަބުން ނިއުއަށް މި މެޗުގައި އެ ޓީމުގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވިއެވެ.
މިފަހަރުގެ މުބާރާތް ކުރިޔަށްދަނީ ޖުމްލަ 11 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.