ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ފައިނަލަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބު ދަތުރުކޮށްފިއެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ކަސްޓަމްސްއިން ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރައީސް އޮފީސް އަތުން ހަތް ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ކަސްޓަމްސް ނިންމީ ހޮވުމަށެވެ. އެއާއެކު ރައީސް އޮފީސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ހެދުނީ 129 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 35 ލަނޑު ހެދި ސަހީރާއި 12 ބޯޅައިން 34 ލަނޑު އެއްކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 133 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު އާމިރާއި 17 ބޯޅައިން 31 ލަނޑު އެއްކުރި ހައިކަލްއެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިހުން ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި މީރާ އަތުން ތިން ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން މީރާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 27 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމެވެ.
ޖަވާބުގައި ޕޮލިސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 67 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 12 ބޯޅައިން 20 ލަނޑު އެއްކުރި މޫސާ ވަސީމެވެ.
ނުވަ ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ.