ކުޅިވަރު

ރިލޭ އާއި އިއްބެ ވެލެންސިއާއަށް


ކުލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ)، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބު ވެލެންސިއާއާ ގުޅިއްޖެއެވެ.

އުމުރުން މިހާރު 32 އަހަރުގެ ރިލޭ ވެލެންސިއާއާ ގުޅުނުއިރު، އޭނާ ފުރަތަމަ ޑިވިޝަނުގެ ކެރިއަރު ފެށި ޓީމަކީވެސް ވެލެންސިއާއެވެ. އެގޮތުން ރިލޭ ވަނީ ވަނީ 2006 އިން 2011 އަށް ވެލެންސިއާއަށް ކުޅެފައެވެ. އޭގެ ފަހުން ރިލޭ ވަނީ ގްރީން ސްޓްރީޓްސްގެ އިތުުރުން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.

ގްރީން ސްޓްރީޓްސްގައި ރިލޭ ތިން ސީޒަން ހޭދަކުރިއިރު، އޭނާ އަކީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަނެވެ.

މި ސީޒަނުގައި ވެލެންސިއާއާ ގުޅުނު އުމުރުން 27 އަހަރުގެ އިއްބެ، އެ ޓީމަށް ބަދަލުވީ މާޒިޔާގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނިއު ރޭޑިއަންޓުން ކެރިއަރު ފަށައި، އޭގެ ފަހުން ޓީސީ ސްޕޯޓްސް ކުލަބުގައި ވިދާލި އިއްބެ މާޒިޔާއާ ގުޅެފައިވަނީ 2019 ވަނަ އަހަރެވެ. އޭގެ ފަހުން މިދިޔަ ތިން ސީޒަނުގައި އިއްބެ ވަނީ މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މި ސީޒަނަށްވެސް ވެލެންސިއާ ނުކުންނާނީ އިސްމާޢީލް އާސިފް (ކުޑަހީނާ) ގެ އިރުޝާދުގެ ދަށުންނެވެ.