އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ކްރިސްޓަލް ޕެލަސްއިން މެޗު ކާމިޔާބުކޮށްފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ޕެލަސް ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.
ލީޑްސްއިން ވަރަށް ފޯރިއާއެކު ފެށި މިމެޗްގެ ފުރަތަަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ލީޑްސްއިންނެެވެ. މިގޮތުން އެޓީމުން ވަނީ މިހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލީޑްސްއިް އުފެއްދި ގިނަ ހަމަލާތައް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލީޑްސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޕެޓްރިކް ބެމްފަޑްއެވެ. މިއީ އޭނާ ލީޑްސްއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. ނަމަވެސް މިލަނޑާއެކު ލީޑްސްއިން ކުޑަކޮށް ހަމަޖެހުމާއެކު ޕެލަސްއިން މެޗްގެ ތެރެއަށް ވަދެ މެޗްގެ ކޮންޓްރޯލް މަޑު މަޑުން ނެގިއެވެ. މިގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މާރކް ގުއެހީގެ ލަނޑައެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މިމެޗްގެ ދެވަނަ ހާފް ޕެލަސްއިން ފެށީ ފުރަތަމަ ހާފް ނިންމާލި ހިސާބުންނެވެ. މިގޮތުން މެޗްގެ 53 ވަނަ މިނެޓްގައި ޕެލަސްއިން ވަނީ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޫއެވެ. އަދި މިލަނޑު ޖެހިތާ ދެމިނެޓްފަހުން އެބެރެޗީ އެޒޭވަނީ ޕެލަސްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ޕެލަސްގެ ހަތަރުވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ އޮޑްސޮން އެޑުއާޑްއެވެ. އަދި ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން އަޔޫއެވެ. މިމެޗްގެ ފުރަތަމަ އެގާރައިން އަޔޫއަށް ޖާގަލިބިފައިވަނީ ޕެލަސްގެ މުހިންމު ކުޅުންތެރިޔާ ވިލްފްރެޑް ޒަހާއަށް އަނިޔާވެފައިވުމުގެ ސަބަބުންނެވެ.
މިކާމިޔާބީއާއެކު ޕެލަސް މިހާރުވަނީ 30 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލީޑްސް އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.