ކުޅިވަރު

އެންބީއޭ ރެގިއުލާ ސީޒަނުގެ ފަހު މެޗުތައް ކުޅެފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ މި ފަހަރުގެ ރެގިއުލާ ސީޒަނުގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެރޭ ކުޅެފިއެވެ.

މިގޮތުން މުޅިއަކު 15 މެޗް ވަނީ ކުޅެވިގެން ގޮސްފައެވެ. އާދީއްތަ ދުވަހުގެރޭ ރޭގެ މެޗްތަކަށް ބަލާލައިރު މިފަހަރުގެ ރެގިއުލަރ ސީޒަންގައި އެންމެ ގިނަ މެޗް ކާމިޔާބުކުރި މިލްވައުކީ ބަކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް ރެޕްޓަރސްއިން ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗް ރެޕްޓަރސް ކާމިޔާބު ކުރީ 121 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

މިމެޗްގައި ރެޕްޓަރސްގެ ޕްރެޝިއަސް އަޝިއުވާވަނީ 14 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ މަޔަރސް ލިއޮނާޑް ވަނީ 10 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޕޭޓަން ޕްރިޓްޗާރޑްވަނީ 30 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް މިމެޗްގައި ހަދާފައެވެ. އަދި ހޯކްސްއަށް މިމެޗްގައި އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދިން ބްރޫނޯ ފެނާންޑޯއެވެ.

މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ބްރޫސް ބްރައުންވަނީ 21 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޑޮމެންޓާސް ސޮބަނިސްއެވެ.

ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސަރސްއެވެ.

މިމުބާރާތުގެ ރެގިއުލަރ ސީޒަންގެ ކުޅުން ނިމިފައިވާއިރު ޕްލޭ އޮފްގެ ކުޅުން މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ކުރިން ޕްލޭ އޮފްސްގައި އީސްޓަރން އަދި ވެސްޓަރން ކޮންފަރެންސްގެ ހަތްވަނަ އަދި އަށްވަނައަށް ސީޑް ކުރެވިފައިވާ ޓީމްތައް ކަނޑައެޅުމަށް ކުޅޭ ޕްލޭ އިންގެ މެޗްތައް މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ފެށުމަށްވަނީ ހަމަޖެހިފައެވެ.