ޚަބަރު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްދޭ ސަމާލުކަން އިތުރުކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިގޮތަށް އެދިވަޑައިގަތީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި "ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނާއި އަދި ސްކޫލު ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް މިސެޝަންގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ވެހިކަލް ދުއްވާ ކޮންމެ ފަރާތަކުންވެސް ތިމާގެ އިހުމާލުން ތިމާއަށް ނުވަތަ އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފަރުވާތެރިވެ އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ބޭއްވި މި ސެޝަނަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަމާޒުކޮށް ބޭއްވި ސެޝަނެކެވެ. މި ސެޝަނުގައި، އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބުތަކާއި މާލެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދުތަކާ އަދި ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.