ވިޔަފާރި

ތާޒާފެނުގެ 5 ލީޓަރު ފުޅި އުފައްދާ އަދަދު އިތުރުކުރަނީ


އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އިން އުފައްދާ ތާޒާފެނުގެ 5 ލީޓަރު ފުޅި ބަންދުކުރުމަށް އަލަށް ޤާއިމްކުރި ބޮޓްލިންގ ލައިން ނުވަތަ ފެން އުފައްދާ ބަންދުކުރާ ނިޒާމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ޤައުމީ ފެން ކުންފުނި އެމް.ޑަބްލިއު.އެސް.ސީ ގެ ސަބްސިޑަރީ ކުންފުނި އައިބީއެމުން އުފައްދާ ތާޒާ ބްރޭންޑުގެ 5 ލީޓަރު ފުޅި ބަންދުކުރުމަށް އިތުރު ބޮޓެލިންގ ލައިނެއް ޤާއިމްކޮށްފައި ވަނީ، އެސައިޒުގެ ފެނުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އަދި އަލަށް ޤާއިމްކުރި ބޮޓްލިންގ ލައިނުން  ގަޑިއަކު 4000 ފުޅި އުފެއްދޭނެ ކަމަށް އައިބީއެމުން މަޢުލޫމާތުދެއެވެ.

ތާޒާފެން ބަންދުކުރާ އާ ބޮޓްލިންގ ލައިން އިފްތިތާޙު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ އެމް.ޑަބްލިއު.އެސް.ސީ އާއި އައި.ބީ.އެމްގެ ޙިދުމަތްތައް ފުޅާވެގެންދާއިރު މިހާރައްވުރެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބޯފެން އުފައްދާ ބަންދުކުރުމުގެ ނިޒާމް ބައްޓަންކުރުމަށް އިސްކަންދެއްވަން ޖެހޭކަމަށެވެ. އެގޮތުން ފެން ބަންދުކުރުމަށް ޕްލާސްޓިކް ފުޅި ނޫން ވަސީލަތެއް ބޭނުންކުރަން ފެއްޓެވުން މުހިންމު ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ތާޒާ ފެނުގެ 5 ލީޓަރު ފުޅި ބަންދުކުރުމަށް އަލަށް ޤާއިމްކުރި ބޮޓްލިންގ ލައިނަކީ ހައި ކެޕޭސިޓީ ލައިނެކެވެ. މީގެ ސަބަބުން އެކުންފުނިން 5 ލީޓަރުގެ ފެންފުޅި ކުރިން އުފައްދަމުންގެދިޔަ މިންވަރަށް ވުރެ %60 އިތުރު އަދަދަކަށް މިހާރު ފެންއުފެއްދޭނެ ކަމަށް އައި.ބީ.އެމުން މަޢުލޫމާތު ދެއެވެ.