ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ފެށުން ސީ މާސްޓާސް ލައިންސް، ލަންކާ ލަޔަންސް އަދި ވާމިލިޔަނުން ރަނގަޅުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް އޭގައި ހިމެނޭ ސީ މާސްޓާސް ލައިންސް މޮޅުވީ ވަރަކަޕޯލާއާ ވާދަކޮށް 12 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ސީ މާސްޓާސް ލައިންސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 118 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 38 ލަނޑު ހެދި މުޙައްމަދު ސަހީލެވެ.
ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 23 ބޯޅައިން 28 ލަނޑު އެއްކުރި ނައިސަލެވެ.
އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް ބީގައި ހިމެނޭ ލަންކާ ލަޔަންސް މޮޅުވީ އެމްޓީސީސީ-ބީއާ ވާދަކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އެމްޓީސީސީ-ބީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައވިނީ 108 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 36 ލަނޑު ހެދި ޕްރޭމް ސުޖިންއެވެ.
ޖަވާބުގައި ލަންކާ ލަޔަންސް ކުޅެން އަރައި 4.3 އޯވަރުގައި ވާރޭ ވެހެން ފެށުމުން އަމްޕަޔަރުން މެޗު ނިންމާލިއިރު، އެ ޓީމަށް ހެދިފައިވަނީ 55 ލަނޑެވެ. އެހެންކަމުން ގަވާއިދުގައިވާ ގޮތުން ފުރަތަމަ ކުޅުނު ޓީމު 4.3 އޯވަރުގައި ހެދިފައިވާ ލަނޑަށް ބަލައި ނަތީޖާ ނެރޭއިރު، ލަންކާ ލަޔަންސް އިތުރު ފަސް ލަނޑު ހަދާފަވާތީ، އެ ޓީމު މޮޅުވީ ކަމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ތިންވަނަ މެޗުން ގްރޫޕް ސީގައި ހިމެނޭ ވާމިލިޔަން މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް 29 ލަނޑުންނެވެ.
މި މެޗަށް ވަގުތު ނެތުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ ހަ އޯވަރު ކުޅުމަށެވެ. އެއާއެކު ގުރު ދިމާވެގެން ވާމިލިޔަން ކުޅެން އަރައި ހަ އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 111 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 29 ލަނޑު ހެދި ހިމަންތަ ގަޔަޝަންއެވެ.
ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެން އަރައި ހަ އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުވަ ބޯޅައިން 33 ލަނޑު އެއްކުރި އަސްކަރު ހުސެއިނެވެ.
މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 15 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.