ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުޅިން އަލަށް ފެށި "މޯލްޑިވްސް ބީޗް ވޮލީބޯލް ޗެލެންޖް 2023" ގެ ސީރީސް އެކެއްގެ ޗެމްޕިއަންކަން އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އަދި އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއާއިން ހޯދައިފިއެވެ.
ބީޗް ވޮލީބޯލް ޗެލެންޖް ގިންތި ކުރެވިފައިވަނީ ސީރީސް އެކެއް އަދި ސީރީސް ދޭއް މި ގޮތަށެވެ. ސީރީސް އެކެއްގެ ގަދަ 16 ޓީމު ސީރީސް ދޭކަށް ކޮލިފައިވާއިރު، އެ ގަދަ 16 ގެ މެދުގައި ކުޅެވޭ ބުރަށްފަހު، މި އަހަރުގެ އޮކްޓޯބަރު މަހު އޮތް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ގަދަ އަށް ޓީމު ކޮލިފައިވާނެއެވެ.
ހޯމަ ދުވަހުގެރޭ ނިމުނު ސީރީސް އެކެއްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމުގެ ޕެއާއިން ހޯދީ ފައިނަލުގައި މުޙައްމަދު އަލީ (ޑެންޒޯ) އާއި އަޙްމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ 2-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-17، 12-21 އަދި 15-7 އިންނެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން މާޖިދާ އާއި އަރީޝާގެ ޕެއާއިން ހޯދީ ފައިނަލުގައި ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އަރީޝާ އާއި މާޖިދާގެ ޕެއާއިން ގެންދިޔައީ 21-14 އަދި 21-14 އިންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ވެޓެރަންސް ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބޭއްވިފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްވީވީ-އެކަކުންނެވެ. އެ ޓީމުން ޗެމްޕިަންކަން ހޯދީ ފައިނަލުގައި ލެޖެންޑްސް ޓީމު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ޗެމްޕިއަންކަން ހޯދީ އެމްވީވީ ޓީމުގައި ހިމެނެނީ އަލީ ޝިމާލާއި، އިބްރާހީމް އާދިލާއި، މުމްތާޒް އަލީ އާއި، މުޙައްމަދު ރިޝްވާން އަދި ހުސައިން ޝަރީފެވެ.
އަދި ވެޓެރަންސް ޑިވިޝަނުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފިއޮންތި ސްޕޯޓްސް ކުލަބުންނެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފިއޮންތީ ހޯދީ ފައިނަލުގައި ޑިވީވީއޭ 2-1 ސެޓުން ބަލިކޮށްގެންނެވެ. ފިއޮންތީ ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ އައިޝަތު ނާޒިމާ އާއި، ޔުމްނާ އަބްދުލްއަޒީޒާއި، އައިޝަތު ރޯޒާ ސުހާނާ އަޙްމަދު އަދި ޚަދީޖާ ނަޒީލާއެވެ.
މި ފަހަރުގެ ބީޗް ވޮލީބޯޅަ ޗެލެންޖަކީ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމްއިން ކަަލަންޑަރުކޮށްގެން ބޭއްވި ގައުމީ ފެންވަރުގެ ފުރަތަމަ ބީޗް ވޮލީބޯޅަ މުބާރާތެވެ.