ކުޅިވަރު

ފަސޭހަކަމާއެކު ބަޔާން ބަލިކޮށް ސިޓީ ސެމީއާ ގާތަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ބަލިކޮށް ސެމީ ފައިނަލަށް ދިޔުމަށް އޮތް ފުރުސަތު މެންޗެސްޓާ ސިޓީން ބޮޑުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ކުރިން ހީކުރި ވަރަށްވުރެ ފަސޭހަކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ބަޔޭންއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ނަމަވެސް ހަމަހަމަ ކުޅުމެކެވެ. މިގޮތުން މިހާފްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިީ ރޮޑްރީއެވެ. މިލަނޑާއެކު ސިޓީއިން ކުޑަކޮށް ހަމަޖެހިލެވޭތޯ މަސައްކަތް ކުރި ނަމަވެސް ބަޔޭންގެ ނުރައްކާ ދިޔައީ ދޭތެރެ ދޭތެރެއިން ކުރިމަތިވަމުންނެވެ.

މިމެޗްގެ ދެވަނަ ހާފްވެސް ބަޔޭންއިން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ލިރޯއި ސާނޭގެ ފަރާތުން ނުރައްކާތެރި ދެތިން ހަމަލާ ސިޓީގެ ގޯލަށް އަމާޒުވެގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މިހަމަލާތައްވަނީ ސިޓީގެ ކީޕަރ އެޑަރސަން ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވަރއެވެ. މިލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްވެގެންދިޔައީ ބަޔޭންގެ ޑިފެންސްގައި ޑާޔޯ އުޕެމެކާނޯއަށް އަތުން ބޯޅަ ގެންލުމުގެ ސަބަބުންނެވެ. އަދި އޭގެ 6 މިނެޓްފަހުން ސިޓީގެ ތިންވަނަ ލަނޑު ޖަހާދިނީ އަރލިންގ ހާލަންޑްއެވެ. މިލަނޑާއެކު ހާލަންޑް މިވަނީ މިސީޒަންގައި ހުރިހާ މުބާރާތެއްގައި ސިޓީއަށް ޖަހާދިން ލަނޑުގެ އަދަދު 45 އަށް އަރާފައެވެ.

މިއީ މީގެ 30 އަހަރު ކުރިން މިހާރުގެ ފޯމެޓަށް އިންގްލިޝް ޕްރިމިއަރ ލީގު ކުޅެން ފެށިފަހުން ލީގަށް ނިސްބަތްވާ ޓީމެއްގެ ކުޅުންތެރިޔަކު އެއް ސީޒަނެއްގާ ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ. މީގެކުރިން 44 ލަނޑާއެކު މިރިކޯޑް އޮތީ ލިވަޕޫލްގެ މުހަންމަދު ސަލާހް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ރޫޑް ވެން ނިސްޓެރޫއި އަތުގައެވެ.

މިމެޗްގައި މީގެއިތުރުންވެސް ސިޓީގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތު އެޓީމަށް ލިބިގެންދިޔައެވެ. މިނަތީޖާގައި އޮވެ މެޗް ނިންމާލުމުގެ ފުރުސަތު ބަޔޭންއަށް ލިބިގެންދިޔައީ އެޓީމްގެ ކީޕަރ ޔާން ސޮމަރ ހުޝިޔާރު ކަމާއެކު ދިފާއުކުރި ހަމަލާތަކުގެ ސަބަބުންނެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވަނީ ބަޔޭންގެ ދަނޑުގައެވެ.