ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިގްތިސާދީ ދުވެލި މިއަހަރު މަޑުޖެހޭނެ: އައިއެމްއެފް


ދުނިޔޭގެ އިގްތިސާދީ ދުވެލި މިއަހަރު %3 އަށް ވުރެ ބޮޑަށް މަޑުޖެހޭނެކަމަށް ލަފާކުރައްވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ 1990 ވަނަ އަހަރަށް ފަހު އައިއެމްއެފް އިން މީޑިއަމް ޓާމް ގްރޯތް ލަފާކުރި އެންމެ ދަށް ލަފާކުރުމެވެ. އަދި ފާއިތުވި ދެ ގަރުނުގެ ތެރޭގައި ފެނުނު ކުރިއެރުން ކަމަށްވާ %3.8 އަށް ވުރެ މާ ދަށް އަދަދެކެވެ.

ޖޯޖީވާ ވިދާޅުވި ގޮތުގައި ކޯވިޑުގެ ބަލިމަޑުކަމާއި ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ރައްދު ދިނުމަށް އެކަށައެޅި ވަރުގަދަ މާލީ އުސޫލުތަކަކާއި ފިޔަވަޅުތަކުގެ ސަބަބުން ނިމިދިޔަ އަހަރުތަކުގައި އިގްތިސާދީ ދުވެލި މާބޮޑަށް މަޑުޖެހިފައި ނުވިނަމަވެސް ކުރިއަށް އޮތް ތަނުގައިވެސް މާބޮޑު ކުރިއެރުމެއް ނުފެންނާނެއެވެ.

"ހައިރާން ކުރުވަނިވި ގޮތަކަށް ކުރިއަރާފައިވާ ގިނަ އިގްތިސާދުތަކުގައި ވަޒީފާގެ ބާޒާރާއި، އާންމުން ހަރަދުކުރާ މިންވަރަށް ކުރިއެރުންލިބި، ޗައިނާ އަލުން ހުޅުވުމުން ކުރިއެރުން ލިބުނު ނަމަވެސް، 2023 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި %3 އަށް ވުރެ ބޮޑަށް ކުރިއަރާނެ ކަމަށް އަޅުގަނޑުމެން ލަފައެއް ނުކުރަން،" އައިއެމްއެފްއާއި ވޯލްޑް ބޭންކުން އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުންތަކުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ޖޯޖީވާ ވިދާޅުވިއެވެ.

"ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތައް އިތުރުވުމާއި އިންފްލޭޝަން މަތިވުމާއެކު، އިގްތިސާދަށް ހަރުދަނާ ކުރިއެރުމެއް އަދިވެސް ނުލިބޭ. މިއީ އެންމެންގެ ކުރިމަގަށް ގެއްލުންވާ ކަމެއް، ހާއްސަކޮށް އެންމެ ނާޒުކު ގައުމުތަކަށް،" މެރިޑިއަން ހައުސް އާއި ޕޮލިޓިކޯއިން ބޭއްވި އިވެންޓެއްގައި ޖޯޖީވާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ޝޮކާއި ގުޅިގެން 2022 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަޑުޖެހި، %3.4 އަށް ވަނީ ވެއްޓިފައެވެ.

ޖޯޖީވާ ވިދާޅުވި ގޮތުގައި މިއަހަރުގެ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދެބައިކުޅަ އެއްބައި އިންޑިއާ އާއި ޗައިނާއިން ހޯދާނެއެވެ. ނަމަވެސް ކުރިއަރާފައިވާ އިގްތިސާދުތަކުގެ ކުރިއެރުމުގެ ރޭޓް ގާތްގަނޑަކަށް %90 މިއަހަރު ދަށްވާނެއެވެ.

ލޯނު ނެގުމުގެ ހަރަދު ބޮޑުވުމާއި އެކްސްޕޯޓަށް އޮންނަ ޑިމާންޑް ދަށްވުމުގެ ސަބަބުން މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ބޮލަކަށްޖެހޭ އާމްދަނީގެ ކުރިއެރުން، ކުރިއަރަމުން އަންނަ އިގްތިސާދުތަކަށް ވުރެ ދަށުގައި އޮންނާނެކަމަށްވެސް ޖޯޖީވާ ވިދާޅުވިއެވެ.