ކުޅިވަރު

އިންޑިއަން ގްރޯން ޕްރީ: ސާއިދު ދެ މެޑެލް ހޯދިއިރު، ޒިވާވެސް މެޑެލް ހޯދައިފި


އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެ ލޯ މެޑެލް ހޯދިއިރު، އުންމީދީ އަންހެން ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއުވެސް ލޯ މެޑެއްޔެއް ހޯދައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 10 ވަނަ ދުވަހު ފެށި މުބާރާތުގައި އަންގާރަ ދުވަހު ސާއިދު ދެ ލޯ މެޑެލް ހޯދީ 100 މީޓަރު އަދި 200 މީޓަރު ދުވުމުންނެވެ.

އެގޮތުން 100 މީޓަރު ދުވުން ސާއިދު ނިންމީ 10.61 ސިކުންތުންނެވެ. މި ބައިގެ ރިހި މެޑަލް ހޯދީ 10.52 ސިކުންތުން ރޭސް ނިންމި އޮޑީސާގެ އަމިޔާ ކުމާރު މަލިކެވެ. އަދި އެއްވަނައަށް ދިޔަ އައްސާމުގެ އަމްލާން ބޯގޮހޭން ރޭސް ނިންމީ 10.50 ސިކުންތުންނެވެ.

އަދި މި މުބާރާތުގެ 200 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހޯދީ 21.72 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ބައިގެ ދެވަނަ 21.53 ސިކުންތުން ރޭސް ނިންމައިގެން ޗަތިސްގަރުގެ އަނިމޭޝް ކުޖުރު ހޯދިއިރު، އެއްވަނަ ހޯދީ 21.20 ސިކުންތުން ރޭސް ނިންމި އައްސާމުގެ އަމްލާން ބޯގޮހޭނެވެ.

މި މުބާރާތުން ސާއިދު ދެ ލޯ މެޑެލް ހޯދިއިރު، އޭނާ ވަނީ މި ފަހަރުގެ ގްރޯން ޕްރީ ފުރަތަމަ މުބާރާތުގައި ދެ ރަން މެޑެލް އަދި ދެވަނަ މުބާރާތުގައި ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދާފައެވެ.

މީގެ އިތުރުން ސީނިއާ ކެރިއަރުގެ ފުރަތަމަ ބައިނަލްއަގުވާމީ މެޑެލް ޒިވާ ހޯދީ އަންހެނުންގެ 200 މީޓަރު ދުވުމުންނެވެ. މި ރޭސް ޒިވާ ނިންމާފައިވަނީ 26.84 ސިކުންތުންނެވެ. މި ރޭހުގެ އެއްވަނަ ހޯދީ 23.77 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ގައުމީ ޓީމުގެ އެއްވަނަ ސްޕްރިންޓަރު އައްސާމްގެ ހިމާ ދާސްއެވެ. އަދި ދެވަނައަށް ދިޔައީ 24.88 ސިކުންތުން ރޭސް ނިންމި ކަރްނާޓަކާގެ ޖޯތިކާއެވެ.

އިންޑިއަން ގްރޯން ޕްރީގައި ސާއިދާއި ޒިވާގެ އިތުރުން އިންޑިއާގައި ފަރިތަކުރަމުން އަންނަ ރާއްޖޭގެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. އިންޑިއަން ހައި ކޮމިޝަނުގެ އެހީތެރިކަމާއެކު ގިނަ އެތުލީޓުންތަކެއް އިންޑިއާގައި ތަމްރީނު ފުރިހަމަކުރަމުން އަންނައިރު، މީގެ އަމާޒަކީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމެވެ.