ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އާއި ކުލަބު ވެލެންސިއާ ބައްދަލުކުރަން ހަމަޖެހުނު މެޗު މި މަހު 24 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ވެލެންސިއާ އާއި އީގަލްސްގެ މެޗުން މިދިޔަ އާދީއްތަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށަން އެންމެ ފުރަތަމަ ނިންމި ނަމަވެސް، އެ މެޗު ފަސްކުރީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާޢީލް ރިޔާޒުގެ ތުއްތު ދަރިފުޅު އެ ދުވަހު ނިޔާވުމާ ގުޅިގެންނެވެ.
އެއާއެކު މުބާރާތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުންނެވެ. އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މާޒިޔާއިންނެވެ.
އެފްއޭއެމުން އަންގާރަ ދުވަހުގެރޭ ޕްރެޒިޑެންޓްސް ކަޕްގެ ޝެޑިއުލަށް ގެނައި ބަދަލުތަކާއެކު، ވެލެންސިއާ އާއި އީގަލްސްގެ މެޗު މިހާރު ތާވަލުކޮށްފައި އޮތީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުން ސެމީ ފައިނަލުގެ ކުރިއަށްވާ ގޮތަށް މި މަހުގެ 24 ވަނަ ދުވަހަށެވެ.
އަދި ޝެޑިއުލަށް ގެނައި ބަދަލާއެކު ކުރިން މި މަހު 25 ވަނަ ދުވަހު ކުޅޭ ގޮތަށް އޮތް ސެމީގެ މެޗުތައް މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު ކުޅޭއިރު، ކުރިން މި މަހުގެ 29 ވަނަަ ދުވަހުގެރޭ ކުޅެން އޮތް ފައިނަލް މެޗު މިހާރު ތާވަލުކޮށްފައި އޮތީ މި މަހުގެ 30 ވަނަ ދުވަހު ކުޅޭ ގޮތަށެވެ.
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ހަ ޓީމެވެ. މުބާރާތުގައި ވާދަނުކުރާ ދެ ޓީމަކީ ކުލަބު ގްރީން ސްްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. އެ ދެ ޓީމުން ބައިވެރިނުވަން ނިންމީ މާލީ ހާލަތުގެ ސަބަބުންނާއި ކުލަބު ލައިސަންސިން ކަންކަން އަދި ފުރިހަމަނުކުރެވޭތީއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕުގެ ކުޅުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ވެލެންސިއާ އާއި، އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ މާޒިޔާ އާއި، ޓީސީ އަދި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކުލަބެވެ.