ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފަތަހަ، އަހިންޝަކާސް އަދި ވަރަކަޕޯލާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި ބުދަ ދުވަހު ކުޅުނު މެޗުތަކުން ފަތަހަ ސްޓާސް، އަހިންޝަކާސް އަދި ވަރަކަޕޯލާ މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ޑީގައި ހިމެނޭ ފަތަހަ ސްޓާސް މޮޅުވީ އެސްޓީއޯ ރެކްރިއޭޝަން ކުލަބާ ވާދަކޮށް 17 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ފަތަހަ ސްޓާސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 116 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު އަޝްރަފެވެ.

ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 99 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 22 ބޯޅައިން 32 ލަނޑު އެއްކުރި އަލްހާޒް އަޙްމަދެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް އީގައި ހިމެނޭ އަހިންޝަކާސް މޮޅުވީ ފެރެންޑްސް މޯލްޑިވްސްއާ ވާދަކޮށް ހަތަރު ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ފަރެންޑްސް މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 112 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ބޯޅައިން 21 ލަނޑު ހެދި އުޕުލިންތަ ގަޔަންއެވެ.

ޖަވާބުގައި އަހިންޝަކާސް ކުޅެން އަރައި އަށްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 114 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 34 ލަނޑު އެއްކުރި ސަމްޕަތު ދިނޭޝެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ތިންވަނަ މެޗުން ގްރޫޕް އޭގައި ހިމެނޭ ވަރަކަޕޯލާ މޮޅުވީ ރެއިންބޯއާ ވާދަކޮށް ހަތަރު ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ރެއިންބޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 109 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 21 ލަނޑު ހެދި ބަބިން ޕައުލް ރާޖެވެ.

ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި އަށްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 34 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމެވެ.

މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 15 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.