ކުޅިވަރު

ޗެލްސީ ބަލިކޮށް ރެއާލް ސެމީއާ ގާތަށް


ޔުއެފާ ޗެމްޕިއަންސް ލީގު ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ހޯދުމާއި ގާތަށް ރެއާލް ޖެހިލައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗްގައި ރެއާލްގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައިނުވާއިރު ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅުނު ކުޅުމެކެވެ.

މި މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ކަރީމް ބެންޒީމާއެވެ. މިއީ އޭނާ މިމުބާރާތުގައި ކާމިޔާބުކުރި 90 ވަނަ ލަނޑެވެ. މި ލަނޑާއެކު ރެއާލްއިން ހަމަޖެހިލި އިރު ޗެލްސީއިންވެސް ވަނީ ދޭތެރެ ދޭތެރެއިން ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން ރަހީމް ސްޓަރލިންގ އާއި ޖާއޮ ފީލިކްސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ލަނޑަކަށް ނުވެ ސަލާމަތްވީ ރެއާލްގެ ކީޕަރ ޓޯބޯ ކޯޓުއަރގެ ހުށިޔާރުކަމުންނެވެ.

މެޗްގެ 59 ވަނަ މިނެޓްގައި ރެއާލްގެ ރޮޑްރިގޯ ގޯލަށް ހުސްކޮށް ދިޔަ ބޯޅައެއްގައި އޭނާއަށް ފައުލް ކުރުމުގެ ސަބަބުން ޗެލްސީގެ ބެން ޗިލްވެލްއަށް ވަނީ ސީދާ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިގޮތުން މެޗްގެ ބަކީ ބައި ޗެލްސީން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މެޗްގައި ރެއާލްގެ ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ.

ދެވަނަ ހާފްގެ ބޮޑުބައި އެއް ކުޅުންތެރިއެއް މަދުކޮށް ޗެލްސީއިން ކުޅެމުންދިއުމާއެކު މިމެޗްގައި ރެއާލްގެ ފަރާތުން އިތުރު ލަނޑުތަކެއް ފެނިގެންދާނެކަމަށް ހީވި ނަމަވެސް ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ އެއަށް ވުރެ ހިތްވަރު ގަދަ ކުޅުމެކެވެ. އަދި މެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިޔާ މޭސަން މައުންޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ.

މި ކާމިޔާބީއާއެކު ދެވަނަ ލެގަށް ޗެލްސީގެ ދަނޑަށް ނިކުންނައިރު ރެއާލްއަށް މިވަނީ ރަނގަޅު ލީޑެއް ލިބިގެން ގޮސްފައެވެ. އަދި އެންމެ ފަހުން ކުުޅުނު ހަތަރު މެޗްގައިވެސް ލަނޑެއް ކާމިޔާބު ކުރެވިފައިނުވުމުން ޗެލްސީގެ ފޯވަޑްލައިނާއި މެދު ބައެއް ފަރާތްތަކުން އެ މެޗަށް ނިކުންނައިރުވެސް ސުވާލު އުފައްދަމުން ދެއެވެ.

ނަމަވެސް ރޭގެ މެޗްގައި ފެނިގެންދިޔަ ކުޅުމާއި ޗެލްސީއިން އަމިއްލަ ދަނޑުގައި މީގެ ކުރިން މިފަދަ ބޮޑެތި މެޗްތަކުގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު އެޓީމަށްވެސް މިމުބާރާތުގެ ސެމިފައިނަލްގެ ޖާގައެއް އަދި ހޯދިދާނެކަމަށް ދެކޭ ފަރަތްތައްވެސް މަދެއް ނޫނެވެ. އަދި އެޓީމްގައި އެފަދަ ކުޅުމެއް ދެއްކޭ ފެންވަރުގެ ކުޅުންތެރިން ތިބިކަމަށް އެފަރާތްތަކުން ދެކެއެވެ.